ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގދ. ހޯނޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިން ތައާރަފްކޮށް، 100 އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ޕޭމަންޓް ހިދުމަތް ލިބޭގޮތް ހަމަޖައްސައިފި އެވެ.
އޭޖަންޓް ބޭންކިންގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރި ހިދުމަތެކެވެ. 2015 ވަނަ އަހަރު މި ހިދުމަތް ފަށާފައިވަނީ ހަމަ އެކަނި ފައިސާ ނެގުމުގެ ހިދުމަތާއެކުވެ.
ނަމަވެސް މިއަދު، އޭޖަންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބެ އެވެ. ކަސްޓަމަރުންނަށް ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2،000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގެ އެވެ. އަދި ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވެ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މިއަދު މި ފާހަގަ ކުރެވެނީ އެ ބޭންކުގެ އޭޖަންޓް ބޭންކިން ހިދުމަތް 100 އެޖެންޓުން މެދުވެރިކޮށް ދޭން ފަށާ މުހިންމު މުނާސަބަތު ކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މިއަހަރު ތެރޭގައި މި ހިދުމަތް މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 76 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.