ރާއްޖެ އަށް މުޅިން އާ ކޮންސެޕްޓަކާއެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވައިފި އެވެ.
އެތަން ރަސްމީކޮށް ހުޅުވައިދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ގިނަ ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވާފައި ވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރު މީގެ ކުރިން ވެސް ހުރި އިމާރާތުގަ އެވެ. މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ދަށުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން، ހޯމް އިމްޕްރޫވްމެންޓުގައި ވިއްކާ އިލެކްޓްރޯނިކް ސާމާނާއި، ސުޕަމާޓުން ލިބެން ހުންނަ ތަކެތި އެއް ފުރާޅެއްގެ ދަށުން ލިބޭނެ އެވެ. އަދި އެއް ފުރާޅެއްގެ ދަށުން ވިޔަފާރި ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ޕީޕަލްސް ޗޮއިސްގެ ތެރެއިން އެހެން ވިޔަފާރިތަކަށް ސްޓޯލްތައް ދޫކުރުމުގެ މަސައްކަތް ވެސް އެސްޓީއޯއިން ވަނީ ފަށާފަ އެވެ.
މިފަހަރު ސުޕަމާޓް ހުޅުވިއިރު، އެ ފިހާރައިން ކުރިން ވެސް ލިބެން ހުރި އުފެއްދުންތަކުގެ އިތުރުން، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ފިހާރައާއި، ފާމަސީގެ އުފެއްދުންތައް ވެސް ލިބެން ހުރެއެވެ. މީގެ އިތުރުން އަމިއްލަ ބައެއް ވިޔަފާރިތަކަށް ވެސް ވަނީ އެ ފިހާރަ މެދުވެރިކޮށް ޚިދުމަތް ދިނުމުގެ ފުރުސަތު ދީފައެވެ.
މިގޮތުން ޚިދުމަތް ދޭ ވިޔަފާރިތަކަކީ:
- ސިޓީ ބޭކަރީ
- ނޯޓް ކޮސްމެޓިކްސް
- ޕޮއިސް
- މެކްސްކޮމް
- މެރަތަން
- އަސްރަފީ ބުކްޝޮޕް
- ޕީކަބޫ
އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވައިދެއްވައި ވާހަކަދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެސްޓީއޯއަކީ އަބަދުވެސް ރައްޔިތުންނަށް އެންމެ ބޭނުންވާ ތަކެތި ފޯރުކޮށްދޭ އެއްކުންފުނި ކަމަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް މިއަދު ފެނިގެންދަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި، އަދި އެހެނިހެން ވިޔަފާރިވެރިންނަށް އެސްޓީއޯއާއެކު ޕާޓްނަޝިޕް ހަދައިގެން ކުރިއަށްގެންދެވޭނެ މަގު ފަހިވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ޕްރައިވެޓް ސެކްޓަ ރަނގަޅުކުރުމަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އިގްތިސާދެއް ކުރިއަރައި ދާނީ ޕްރައިވެޓް ސެކްޓައާ ވެސް ގުޅިގެން ކުރެވޭ މަސައްކަތުން ކަމަަށެވެ.
ނައިބު ރައީސް ފައިސަލް ވަނީ ކޮވިޑް-19 ޕެންޑަމިކުގެ ތެރޭގައި އެސްޓީއޯއިން ކޮށްފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. މިގޮތުން ބޭހާއި، ކާޑުގެ ބާވަތްތަކާއި، ގޭސް ފަދަ ތަކެތި އެސްޓީއޯއިން ފޯރުކޮށްދީފައިވާ ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުވެސް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ކަންތައްތައް ބައްޓަންވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ތަކެތީގެ އަގު އުފުލިގެން ނުދާނެ ގޮތަކަށް ކަންތައްތައް ރޭވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.