އަންނަ ރޯދަމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިދުމަތް ދޭނެ ގަޑިތައް އާއްމުކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ އެހެން މަސްތަކާއި ހިލާފަށް ރޯދަމަހު ބީއެމްއެލްއިން ހިދުމަތްދޭ ވަގުތުތައް މަދުވާނެ ކަމަށެވެ. އެގޮތުން ރޯދަމަހު ބީއެމްއެލްއިން ހިދުމަތް ދޭނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން މެންދުރު 12:00އަށެވެ. އަދި ކުރިއަށް އޮތް ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ބޭންކުން ހިދުމަތް ދޭނީ އެ ގަޑިތަކުގައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ބްރާންޗުތަކުން ވަކި ވަގުތުތަކެއްގައި ހިދުމަތް ލިބުނަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޙިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތަކާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ވެސް މި ރޯދަމަހުގެ ތެރޭގައި ހިދުމަތް ދެމުންގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މި މުއްދަތުގެ ތެރޭގައި ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕޭ ރޯލްގެ އިތުރުން ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްގެ ހިދުމަތް ދިނުން ހިމެނެ އެވެ. މި ހިދުމަތްތައް ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެ ދުވަހުން އެދުވަހަށް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ހެނދުނު 9:00 ގެ ކުރިން ޖަމާކުރާ އެހެން ބޭންކުތަކުގެ ޗެކްތައް އެ ދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.
އެ ބޭންކުން ބުނީ ބީއެމްއެލް މެއިން ބްރާންޗް އަދި ބީއެމްއެލް އިސްލާމިކް ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަން ޖެހޭނެ ކަމަށެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް އައުމުގެ ކުރިން ކިއުގައި މަޑުކޮށްގެން ތިބޭ ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ވެސް ބީއެމްއެލްއިން އިލްތިމާސްކުރެ އެވެ. ނަމަވެސް ކަސްޓަމާ ސާވިސް ސެންޓަރަށް އަންނަ ކަސްޓަމަރުންނަށް ކިއުބީ ނަންބަރާ ނުލައި ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މީގެ އިތުރުން އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އިންތިޒާމް ވެސް ބީއެމްއެލްއިން ވަނީ ހަމަޖައްސާފަ އެވެ. އަދި ގޭގައި ތިބެގެން ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ބީއެމްއެލްއިން ބާރުއަޅަ އެވެ.