ދުނިޔޭގެ ތިން ހިސާބެއްގައި ކުރިއަށް ގެންދާ އައިއެލްޓީއެމް ވޯލްޑް ޓުއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބައިވެރިވެއްޖެ އެވެ.
ތިން ހަފްތާއަށް ކުރިއަށްދާ މި ޓުއާގެ މުޅި އިވެންޓްގައި ބައިވެރިވުމަށް އެމްއެމްޕީއާރުސީންވަނީ ނިންމާފަ އެވެ.
މި އިވެންޓް ކުރިއަށް ގެންދާނީ
- އޭޝިއާ ޕެސިފިކްގައި ނޮވެމްބަރު 17، 18 އަދި 19 ގައި
- ޔޫރަޕް، މިޑްލް އީސްޓް އަދި އެފްރިކާގައި ނޮވެމްބަރ ، 23، 24 އަދި 25 ގައި
- ނޯތު އަދި ސައުތު އެމެރިކާގައި، ޑިސެމްބަރ 1، 2 އަދި 3 ގައި
އެމްއެމްޕީއާރުސީން ބުނީ އައިއެލްޓީއެމް ވޯލްޑް ޓުއާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ލަގްޒަރީ ބައިގައި ވަކި ޚާއްސަ ކޮލިފިކޭޝަންތަކެއް ލިބިފައިވާ ބަޔަކަށް އަމާޒުކޮށްގެން ބާއްވާ އިވެންޓެއް ކަމަށެވެ. އަދި މިއިވެންޓް ފަރުމާ ކޮށްފައިވަނީ ކޮންމެ ބައިވެރިއެއް ވެސް ދައްކުވައިދޭން ބޭނުންވާ ބައިތަކުގެ އިތުރުން އެބައިވެރިއެއްގެ މުޖުތަމަޢާއި ގުޅޭ އަދި އެކަށީގެންވާ ގޮތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއާރުސީން ބުނީ މިއިވެންޓް ވާޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ނިންމީ ކޯވިޑް-19އާ ގުޅިގެން ކަމަށެވެ. ނަމަވެސް މި އިވެންޓް އިންތިޒާމު ކުރި ފަރާތްތަކުން ވަނީ ވިޔަފާރިވެރިންނަށް އެންމެ ފަސޭހަ ގޮތުގެ މަތިން އެއްވެވޭނެ ޕްލެޓްފޯމެއް ގާއިމް ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިގޮތުން ވިޔަފާރިވެރިންނަށް ލިބިގެންދާ ފުރުސަތު ތަކުގެ ތެރޭގައި ގަނެވިއްކުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ފުރުސަތާއި މީޓިންގތައް ބޭއްވުމުގެ ފުރުސަތާއި ލީޑްތައް ބެލެހެއްޓުމަށް ޚާއްސަ ޑޭޝްބޯޑެއް ބޭނުން ކުރުމުގެ ފުރުސަތު ހިމެނެ އެވެ.
އެމްއެމްޕީއާރުސީގެ އިތުރުން މި ޓުއާގައި ކޮންރަޑް މޯލްޑިވްސް ރަންގަލި އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ވެސް މި އިވެންޓްގައި ބައިވެރިވެ އެވެ. މިފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މުއްސަނދި ފަތުރުވެރިންނަށް ނިސްބަތްވާ ހިސާބުތަކުގެ އެޑްވައިޒަރުން އަދި ކޮންސަލްޓަންޓުން އަދި ޑިޒައިނަރުތަކާއި ބައްދަލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އަހަރު އެމްއެމްޕީއާރުސީން ބައިވެރިވާ މީޓިންގތަކުގައި ބޮޑަށް އަލިއަޅުވާލެވޭނީ ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އެކުލެވިފައިވުމުގެ އިތުރުން ކޮވިޑް-19ގެ ސަބަބުން އެޅިފައިވާ ހަރުދަނާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެއީ ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި އަދި މަގުބޫލު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.