ރިސޯޓުތަކުގެ ބިމުކުލި ކުޑަކުރިން މިހާރު މަޖިލީހަށް ހުށައަޅާފައިވާ އިސްލާހު ދިފާއު ކުރައްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަފުޅު ދައްކަވައިފި އެވެ.
މިއަދު މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މައުސޫމް ވިދާޅުވީ ރިސޯޓުތަކުގެ ކުލި ކުޑަކޮށްގެން ދުރު މުސްތަގުބަލުގައި ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ. އެގޮތުން ބިމު ކުއްޔަކީ ދައުލަތަށް އާމްދަނީ ހޯދަން އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ބިމު ކުލި ކުޑަކުރުމުން ގިނަ ރިސޯޓުތަކެއް އަވަހަށް ހުޅުވަން ފަސޭހަވެ، ޓެކްސް އަށް ލިބޭ އާމްދަނީ މާބޮޑަށް ވެސް އިތުރު ވާނެ ކަމުގައި ވަޒީރު ވިދާޅުވި އެވެ.
"ދައުލަތަށް މިހާރު ފައިސާ ހޯދަނީ ޓެކްސް ނިޒާމުގެ ތެރެއިން. އެހެންކަމުން މާލޭގެ އުތުރުގެ ރަށްތަކާއއި މާލޭގެ ދެކުނު ރަށްތަކުގައި ރިސޯޓުތައް ތަރައްގީކުރާއިރު އެ ލިބޭ ބިމު ކުއްޔެއް ނޫން މިހާރު ދައުލަތަށް ފައިސާ ހޯދަން މިއޮންނަ މަގަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މައުސޫމް ވިދާޅުވީ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކޮށްގެން އަލަށް ގިނަ ރިސޯޓުތައް ތަރައްގީކުރެވުމުން އެ ތަންތަނުން ލިބޭ ޓެކްސްގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. އަދި އޭގެ ސީދާ އަދަދުތައް ޓޫރިޒަމްގެ ބިލާ ބެހޭގޮތުން މިނިސްޓްރީއާ މަޝްވަރާކުރުމަށް ބާއްވާ ކޮމިޓީ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރާ ބިލެއް މަޖިލީހަށް ހުށައަޅާފައިވަނީ ސަރުކާރުގެ ވައުދެއް ކަމުގައިވާ މިނިމަމް ވޭޖު ތަންފީޒު ކުރަން ފެށުމުން ރިސޯޓުތަކަށް ލިބޭ މާލީ ގެއްލުންތަކެއް ހުރުމުން އެ ގެއްލުމުގެ އަސަރު ކުޑަކުރުމަށްޓަކައި ބިމު ކުލި ކުޑަކުރުން ކަމަށް ބިލްގެ މަގުސަދުގައިވެ އެވެ.
މި ބިލްގައި ބުނެފައިވާ ގޮތުން ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލިން އަކަފޫޓަކަށް ޖެހޭ ރޭޓުން އެއް ޑޮލަރު ނުވަތަ ދެ ޑޮލަރު ކަނޑައިލާނެ އެވެ. ނަމަވެސް މި އިސްލާހަށް ގިނަ މެމްބަރުން ތާއީދެއް ނުކުރެ އެވެ.