އެސްޓީއޯ އިން "ތުއްތު ދަރިފުޅު"ގެ ނަމުގައި ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކުގެ މައުލޫމާތު ހިމެނޭ ފޮތެއް މިއަދު ނެރެފި އެވެ.
އެސްޓީއޯއިން މިއަދު ލޯންޗްކުރި "ތުއްތު ދަރިފުޅު" ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ.
ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަންދޭން ޖެހޭ ކަންކަން މި ފޮތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ.
ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާއި ބެހޭގޮތުން އެންގެންޖެހޭ މުހިއްމު މައުލޫމާތުތައް އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފްސީލު ހިމެނިފައިވެ އެވެ.
މީގެ އިތުރުން، ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އަދި މި ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ލިޔެވިފައިވެ އެވެ. ތުއްތު ދަރިފުޅުގެ ސިއްހަތާ ދުޅަހެޔޮކަން މަންމަގެ ދުޅަހެޔޮކަމާ ވަނީ ވަރަށް ގާތްކޮށް ގުޅި ލާމެހިފަ އެވެ. މިހެންކަމުން މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް މި ފޮތުގައި ހިމެނިފައިވެ އެވެ.
ޑރ. އަބްދުﷲ ނިޔާފް ގެ އެހީތެރިކަމާއެކު ތައްޔާރު ކުރެވިފައިވާ މި ފޮތުގައި، އަލައް އުފަންވާ ދަރިފުޅުގެ އާއިލާއިން އާއްމުކޮށް ކުރާ ސުވާލުތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެކަމަށް ލަފާ ކުރެވޭ ވަރަށް ގިނަ ސުވާލާއި މި ސުވާލުތަކުގެ ޖަވާބު ލިޔެވިފައިވެ އެވެ.
"ތުއްތު ދަރިފުޅު" ނަމުގައި އެސްޓީއޯއިން މިއަދު ލޯންޗްކުރެވިފައިވާ ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް އެކަށީގެންވާ މައުލޫމާތު އާއިލާތަކަށް ލިބޭނެ އެވެ. ކުރިޔަށް އޮތްތަނުގައި، އެސްޓީއޯއިން އަލަށް އުފަންވާ ކުދިންނަށް ދެވޭ ހަދިޔާ ގެ ތެރޭގައި "ތުއްތު ދަރިފުޅު" މި ފޮތް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.