މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރޭގައި ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލައެއް ސޯޝަލް މީޑިއާއަށް ފަޅާއަރުވާލެއްވުމަށްފަހު، ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމްޕީއެލްގެ ބޯޑު މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ޒަކީ ވަނީ "ހުރިހާ"އަށް މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގެ ޗެއާމަންކަމުން އިއްޔެއިން ފެށިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު ތަފުސީލެއް ޒަކީ ނުދެއްވަ އެވެ.

ޒަކީ ކުރެއްވި ޓުވީޓެއްގައި، އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ނުކުރެއްވުނީތީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވި ކަމަށާއި ހަތަރު މެންބަރުން ނުފެންނަ ކަމަށް ވޯޓުދެއްވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއާއެކު މި ޚިޔާނާތުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ވެސް ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޒަކީ އެ މައްސަލަ ފަޅާއަރުވާލެއްވުމުން އެމްޕީއެލްއިން އެ ކަމާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ވަނީ ލޮކްޑައުންގައި އެ ކުންފުންނީގެ އޮޕަރޭޝަންތައް ހިންގި މުއްދަތުގެ ތެރޭގައި، ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. މިމައްސަލައާއި ގުޅިގެން ކުންފުނީގެ އިންޓާނަލް އޮޑިޓަރުން ރިޕޯޓެއް އެކުލަވާލާފައިވާއިރު، އެ ރިޕޯޓުން އިތުރު ކަންތައްތަކެއް ފާހަގަވެ، އިތުރު ތަހުގީގެއް މިހާރު ހިންގަމުންދާކަމަށާއި އެ ތަހުގީގުން ހާމަވެފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެ ހިޔާނާތުގައި ޝާމިލުވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި ކުންފުނިން ހިންގި ތަހުގީގުތަކުން ހާމަވެފައިވާ މައުލޫމާތުތަކުގެ އަލީގައި އެ ހިޔާނާތް އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާއި، އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.