ގައުމީ ދާރުލްއާސާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.
އެ ބޭންކުން ބުނީ މި ހަރަކާތުގެ ތެރެއިން ބޭންކުން ދާރުލްއާސާރުގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭ ކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން، ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓަރީ ތަރައްގީ ކުރުމާއި ދާރުލްއާސާރަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ތަނަކަށް ދާރުލްއާސާރު ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން ވިދާޅުވީ ގައުމީ ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ މުހިންމު އިދާރާއެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަސް ފާހަގު ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގޭ ނުވަވަނަ ހަރަކާތް އަދި މުޖުތަމައަށް ފައިދާ ކުރުވަނިވި މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.
ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:
- ޖޫން: ބީއެމްއެލް ފެހި ޕްރޮޖެކްޓް
- މޭ: އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ
- އެޕްރީލް: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން
- މާޗު: ސްމޯލް ގްރާންޓްސް
- ފެބުރުވަރީ: ހައުސިން ގްރާންޓް
- ޖަނަވަރީ: ބީއެމްއެލް ސްޓާޓަޕް ގްރާންޓް
- ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
- ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑު