ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ޑެބިޑް ކާޑު ރާއްޖޭން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ހަމައެކަނި ބޭނުންކުރެވޭ ގޮތަށް ފުރަތަމަ އިފްތިތާހު ކުރި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން، 3،000 ޑޮލަރާ ހަމަޔަށް އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް މިހާރު ބޭނުންކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އައިޝަތު ނޫރައްދީން ވިދާޅުވީ އެމެރިކަން އެކްސްޕްރެސް އާއެކު އެ ބޭންކުގެ ދުވަސްވީ ޕާޓްނާޝިޕްގެ އެހީގައި މިހާރު ބޭންކުން ދޫކުރާ ޑެބިޓް ކާޑު އިތުރަށް ފުޅާކޮށް ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ހުރިހާ މާޗަންޓް މެދުވެރިކޮށް މި ކާޑު ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެވުނުކަމީ އެ ބޭންކުން ލިބޭ އުފަލެއް ކަމަށެވެ.
"ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާއިރު މިގެނެވުނު ބަދަލުން ވެސް ރާއްޖޭގައި ކާޑު ދޫކުރުމުގައި ބީއެމްއެލް އިން އަދާކުރަމުންދާ އިސްދައުރު ދައްކުވައިދޭ،" ބީއެމްއެލް އިން ބުނެ އެވެ.
އެމެރިކަން އެކްސްޕްރެސްގެ ފަރާތުން، ވައިސް ޕްރެސިޑެންޓް، ގްލޯބަލް ނެޓްވޯކް ސާވިސަސް އިންޑިއާ އެންޑް ސައުތް އޭޝިއާ، ޑިވްޔާ ޖައިން ވިދާޅުވީ ދެކުނު އޭޝިއާގައި ބޭންކް އޮފް މޯލްޑިވްސްއަކީ އެމެރިކަން އެކްސްޕްރެސް އަށް މުހިންމު ޕާޓްނަރެއް ކަމަށެވެ.
"ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ގެނެވުނު ބަދަލަކީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކާޑު މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަރަދު ކުރާ ގޮތަށް ބެލުމަށްފަހު އިތުރު ލުއި ފަސޭހަކަމެއް ހޯދައިދިނުމަށް ގެނެވުނު މުހިންމު ބަދަލެއް،" އޭނާ ވިދާޅުވި އެވެ.
އެ ބޭންކުން ބުނިގޮތުގައި އެމެރިކަން އެކްސްޕްރެސް ޑެބިޑް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓެއް ކަނޑައެޅުމަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އެދި ހުށަހެޅޭނެ އެވެ. އަލަށް ކާޑަށް އެދި ހުށަހަޅަން ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.