ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށްވާ އަރަބިސްކުއެސްޓް ގުޅިގެން ދުނިޔޭގައި އަލަށް ތައާރަފުކުރާ ޗުއްޓީ ދަތުރުތަކަށް ހާއްސަ ލަގްޒަރީ އެއާލައިންނެއް ހެދުމަށް ނިންމައިފި އެވެ.

ސިމްޑީން ބުނީ އެ އެއާލައިނަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމާއި ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި ހުރި ފުރުސަތުތައް އިތުރަށް ފަހި ކޮށްދިނުމުގެ ގޮތުން ތައާރަފުކުރާ އެއާލައިނެއް ކަމަށެވެ. އެ އެއާލައިނުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުރިހަމަ ވާނެ ކަމަށް ސިމްޑީން ބުންޏެވެ.

އެއާލައިން ފެށުމާ ގުޅޭގޮތުން ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަ މިޝަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ ރާއްޖެއިން ދުނިޔޭގެ ފުރަތަމަ "އޯލް ޕްރިމިއަމް" ނުވަތަ މަތީ ފެންވަރުގެ ދަތުރުތަކަށް ހާއްސަ އެއާލައިނެއް ތައާރަފް ކުރާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ދުނިޔޭގެ 60 މަންޒިލަކަށް އުދުހުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ޔޫއޭއީގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ އަރަބެސްކް އާއި ގުޅިގެން މިމަސައްކަތް ކުރިއަށްދާއިރު، އެކުންފުންޏަކީ ލުފްތަންސާ އަދި ގަތަރު ފަދަ އެއަރލައިންތަކުގައި އޭވިއޭޝަން އިންޑަސްޓްރީގެ އިސް މަގާމުތަކުގައި މަސައްކަތް ކޮށްފައިވާ ގިނަ ބޭފުޅުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް ކަމަށް ސިމްޑީން ބުނެ އެވެ.

ރާއްޖޭގެ ސިމްޑީ ގްރޫޕުން ދުނިޔޭގެ ފުރަތަމަ ލަގްޝަރީ ދަތުރުތަކަށް ހާއްސަ އެއާލައިން ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ފާއިތުވި 25 އަހަރު އެކުންފުނިން މަސައްކަތް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ޕްރޮޑަކްޓުތަކެއް ގެނެސްދީ ރަނގަޅު ފެންވަރުގެ ހިދުމަތެއް ދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.