މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަން އިއްޔެ ނިމިއްޖެ އެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ސައިކްލިން ޓްރެކްގަ އެވެ.
ދިރާގުން ބުނިގޮތުގައި މިއަހަރުގެ ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ 100 އިންސައްތަ ގްރީން އެނާޖީ އިވެންޓެވެ. މި ހަރަކާތުގައި ބޭނުންކުރި ކަރަންޓު ނެގީ އަވިން ހަކަތަ އުފައްދާ، ޕޯޓަބަލް ޕަވާ ސްޓޭޝަންތަކަކުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނިގޮތުގައި ރާއްޖޭގެ 32 ސްކޫލުން 1،000 އަށްވުރެ ގިނަ ދުއްވުންތެރިން ވަނީ މި އިވެންޓްގައި ބައިވެރިވެފައިވެ އެވެ. މީގެ ތެރެއިން 450 އަށް ވުރެ ގިނަ ކުޑަ ކުދިން ވަނީ "1km ފަން ރައިޑް" ގައި ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި އިވެންޓްގެ ފަން ރައިޑްގެ ހުރިހާ ބައިވެރިންނަށް ވެސް މެޑަލް ދިން ކަމަށް ދިރާގުން ބުނެ އެވެ.
ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވީ މި އިވެންޓްގެ ޝަރަފުވެރި މެހެމާނު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އިބްރާހިމް އިސްމާއިލް އާއި ދިރާގު ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އަދި ދިރާގު އަދި ބައިކް މޯލްޑިވްސްގެ އިސް ބޭފުޅުންނެވެ.
މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ އެޑިޝަންއަކީ ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ޕޮލިސް ސާވިސަސް، އެމްޓީސީސީ، އެރޯސޯލްޓްސް، ޗޮޕާޓް މޯލްޑިވްސް އަދި އިލާ މޯލްޑިވްސް ހިމެނެއެވެ. ފަސްޓް އެއިޑްގެ ޚިދުމަތް ފޯރުކޮށްދީފައި ވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެމްއެންޔޫ ސްކޫލް އޮފް ނާސިންގެ ވޮލަންޓިއަރުންނެވެ.
ދިރާގުން ބުނިގޮތުގައި މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަންގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މި ހަފްތާގެ ފަހުކޮޅު އެވެ. މި މުބާރާތުގައި ވާދަކުރާ ކޮންމެ ވާދަވެރި ކެޓަގަރީއަކުން (13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ) އަދި ކޮންމެ މިކްސްޑް ޓީމް ޕާސުއޭސް އޭޖް ކެޓަގަރީއަކުން ތިން ޗެމްޕިއަން ޓީމު ހޮވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ހޮވާނެ ކަމަށް ދިރާގުން ބުންޏެވެ.
"ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް،" އެ ކުންފުނިން ބުންޏެވެ.