ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ އާ ރަންވޭގައި ގަޑިއިރެއްގެ ތެރޭ 21 ފްލައިޓް ޖެއްސޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލް އިން އަންނަނީ އަންނަ ބުރާސްފަތި ދުވަހު އާ ރަންވޭ ބޭނުންކުރަން ފަށަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ކުރީގެ ސަރުކާރުން ފެށި އެއާޕޯޓް ތަރައްގީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ހެދި އައު ރަންވޭއެއް ހެދުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އެ ރަންވޭގެ އަމަލީ މަސައްކަތް ނިންމާ 2018 ވަނަ ޓެސްޓް ފްލައިޓް ވެސް ޖެއްސި އެވެ.
އެމްއޭސީއެލްގެ އޮފިޝަލު ވިދާޅުވީ އާ ރަންވޭއަށް ގަޑި އިރެއްގެ ތެރޭ 21 ފްލައިޓް ޖެއްސޭނެ ކަމަށެވެ. އަދި މިއާއެކު ފްލައިޓް ޖެއްސުމުގެ ކެޕޭސިޓީ 38 ޕަސެންޓް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރުގެ ރަންވޭގެ ކެޕޭސިޓީއަކީ ގަޑިއިރެއްގެ ތެރޭ 8 ފްލައިޓް. އައު ރަންވޭގައި ގަޑިއިރެއް ތެރޭ 21 ފްލައިޓް ޖެއްސޭނެ. ކުރިން ނަގާނެ 15 މިނެޓް އޭޕްރަންއަށް ވަންނަން. އާ ރަންވޭއާއެކު ތިން މިނެޓަށް ކުޑަކުރެވިގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު މިހާރުގެ ރަންވޭ ބޭނުން ކުރާނީ ޓެކްސީވޭއެއްގެ ގޮތުގައި ކަމަށެވެ.
މިހާރުގެ ރަންވޭ އިން އާ ރަންވޭއަށް އޮޕަރޭޝަން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މާދަމާ ރޭ 11:00 އިން ފެށިގެން ހަ ވަނަ ދުވަހުގެ 7 ޖެހުމާއި ހަމައަށް ރަންވޭ ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ. މިއީ އާއްމުކޮށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރާ ގަޑިތަކަކަށް ނުވުމުން އެއާލައިންތަކަށް މީގެ ސަބަބުން ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
އާ ރަންވޭ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އާ ރަންވޭގައި އެންމެ ފުރަތަމަ ޖެއްސުމަށް ހަމަޖެހިފައިވަނީ އެމިރޭޓްސް އެއާލައިންގެ ބޮއިން 300- 7777 މަރުކާގެ ފްލައިޓެކެވެ. މިއީ މިހާރު ރާއްޖެ އަންނަ ފްލައިޓްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބޯޓެވެ.
އާ ރަންވޭއަކީ 3،400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑްއެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރު ކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭނެހެން ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.