ޓޫރިސްޓް ހައި ސީޒަނާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތަކުގައި ވަގުތީ ގޮތުން ބޭނުންކުރަން އޭޓީއާރު މަރުކާގެ މަތިންދާބޯޓެއް ގެނެސްފި އެވެ.
މޯލްޑިވިއަންއިން ވަނީ އޭޓީއާރު މަރުކާގެ ތިން ބޯޓު ގެނައުމަށް އޯޑަރުދީފަ އެވެ.
މި ބޯޓުތައް ލިބުން ލަސްވަމުންދާތީ ޕީކް ސީޒަނަށް ތައްޔާރުވުމަށް މޯލްޑިވިއަންއިން ދުރާލާ ވަނީ ވަގުތީ ގޮތުން ބޭނުންކުރުމަށް އޭޓީއާރު މަތިންދާ ބޯޓެއް ގެނެސްފަ އެވެ.
ގައުމީ އެއާލައިނުން މިއަދު ބުނީ އަލަށް ގެންނަ ބޯޓު އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އަދި ދެވަނަ ބޯޓު ޑިސެމްބަރު ދެވަނަ ހަފުތާގައި އަންނައިރު 3 ވަނަ އޭޓީއާރު ބޯޓު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ލިބޭނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ.
އެ ކުންފުނިން ބުނީ ވަގުތީގޮތުން ބޭނުންކުރަން ގެނައި ބޯޓު، އޯޑަރުދީފައި ހުރި ބޯޓުތައް ލިބުމުން ދޫކޮށްލާނެ ކަމަށެވެ.
މިގޮތުން މޯލްޑިވިއަނުން ގެންނަނީ އޭޓީއާރު 72-600 ސީރީޒްގެ ދެ ބޯޓާއި އޭޓީއާރް 42-600 ސީރީޒްގެ ޓާބޯޕްރޮޕް މަރުކާގެ ބޯޓެކެވެ.
ބޭރު ގައުމުތަކަށް ފިނި މޫސުން ފެށިފައިވުމާއި އެކު ކުރިއަށް އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާ ހައި ސީޒަނެވެ. މި ސީޒަނާއި ދިމާކޮށް ގިނަ ބައިނައްލަގުވާމީ އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ކުރަން ފަށާފަ އެވެ.
އޭޓީއާރު ބޯޓުތަކުގެ އިތުރުން މޯލްޑިވިއަނުން އަންނަނީ ދިގު ދަތުރުތަކުގައި ބޭނުންކުރެވޭ އައު ބޯޓެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 21 ބޯޓެއް އޮވެ އެެވެ. އޭގެ ތެރޭގައި 11 ސީ ޕްލޭން އަދި 9 ޑޭޝް- 8 މަރުކާގެ ބޯޓު ހިމެނެ އެވެ.