ރާއްޖޭ ކަހަލަ ކުޑަ އާބާދީއެއް އުޅޭ ތަރައްގީވަމުން އަންނަ ގައުމެއްގައި ތިން އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އެޅިގެންދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއާ ގުޅާލި ތިންވަނަ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އިފްތިތާހުކުރުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖެ އާއި ސްރީލަންކާ ފައިބާ އޮޕްޓިކް ކޭބަލް އިން ގުޅާލުމުގެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިމި، އެ ކާމިޔާބީ ފާހަގަކުރައްވައި، ދިރާގު އަދި އުރީދޫގެ މެނޭޖްމެންޓަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. ހާއްސަގޮތެއްގައި ކޮވިޑް-19ގެ މި ހާލަތުގައި ގޮންޖެހުންތަކާއެކު ވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިމިގެންދިއުން ވެސް މިނިސްޓަރު މަލީހު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާންގެ އިތުރުން ހުވާވޭ އިންޓަނޭޝަނަލްގެ ސީއީއޯ ލިއަންގް ޔީ އާއި އެސިސްޓެންޓް ވައިސް ޕްރެސިޑެންޓް އޮފް ހުވާވޭ މެރިން، ޖަސްޓިން ޒޫ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރު ވިދާޅުވީ ވިޔަފާރިކުރުމުގަ އާއި އެކަކު އަނެކަކާ މުއާމަލާތް ކުރުމުގައި ވެސް އިންޓަނެޓް ބޭނުންކުރާ މީހުން ދުވަހުން ދުވަހަށް އިތުރުވުމާއެކު، އިންޓަނެޓް އަދާކުރާ ރޯލު ދުވަހުން ދުވަހަށް ފުޅާ ވަމުން އަންނަ ކަމަށެވެ. އަދި ހާއްސަގޮތެއްގައި މި ކޮވިޑް-19ގެ ހާލަތު ގޭގޭ ހަތަރު ފާރު ތެރޭގައި ބަންދުކޮށްލިއިރު، ދިރިއުޅުން ކުރިއަށްގެންދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ ވެސް އިންޓަނެޓުންކަން މި ފުރުސަތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ސަރުކާރުން އަބަދުވެސް ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ ދިވެހިރާއްޖެއަކީ އޭޝިއާ ސަރަހައްދަށް ބަލާއިރު ވެސް އިންފްރާސްޓްރަކްޗާ އެންމެ ރަނގަޅު އެއް ގައުމަށް ހެދުމަށް. ފަސް ލައްކަ މީހުންގެ ކުޑަ އާބާދީއެއް އުޅޭ ތަރައްގީވަމުން އަންނަ ގައުމެއްގައި ތިން އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އެޅިގެންދިއުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް،" މަލީހު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް އިކޯ-ސިސްޓަމް ވަރުގަދަކުރުމަށް ދިރާގާއި އުރީދޫން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތަށް މިނިސްޓަރު ޝުކުރުއަދާކުރެއްވި އެވެ.
މަލީހު ވިދާޅުވީ މިއަދު އެޅި ސަބްމެރިން ކޭބަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ މުވާސަލާތީ ބޭނުންތައް ފުއްދައިދިނުމުގަ އާއި އާ ހިދުމަތްތައް ތައާރަފު ކުރުމުގައި ވެސް މި ސަބްމެރިން ކޭބަލުން ފަހި ފުރުސަތުތަކެއް ހުޅުވާލަދޭނެ ކަމަށެވެ. އަދި މި ސަބްމެރިން ކޭބަލް ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ އާ ހަރުފަތަކަށް ގެންދާނެކަމާއި، މި ޕްރޮޖެކްޓް ނިމިގެންދާއިރު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ މުވާސަލާތީ ޙިދުމަތްތައް ދިމާވާ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ބޭނުން ނުކުރެވޭ ފަހަރު ދިއުމަކީ މިއީ ދިމާވާ ކަމެއް ކަމަށާއި އިތުރު ސަބްމެރިން ކޭބަލެއް އެޅުމަކީ މިފަދަ ހާލަތުގައި ވެސް އެޅިގެންދާ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި މިއަދު މި އެޅި ސަބްމެރިން ކޭބަލް އަކީ ރާއްޖޭގެ ފަސްގަނޑަށް އަންނާނެ އެންމެ ފަހު ސަބްމެރިން ކޭބަލް ނޫން ކަމަށާއި މުސްތަގުބަލުގައި އިތުރު ކޭބަލްތައް ރާއްޖޭގެ އިންޓަނޭޝަނަލް ގޭޓްވޭ ނެޓްވޯކަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މިނިސްޓަރުގެ ތަސައްވުރަކީ މުސްތަގުބަލުގައި ރާއްޖެއަކީ އެހެން ގައުމުތަކަށް ކަނެކްޓިވިޓީ އާއި ކެޕޭސިޓީ ފޯރުކޮށްދޭ އިންޓަނޭޝަނަލް ހަބް އަކަށް ހެދުމެވެ.
މީގެ އިތުރުން މި ސަބްމެރިން ކޭބަލް ރާއްޖެ ގެނައުމުގެ ޕްރޮޖެކްޓްގެ ކެޕިޓަލް އިންވެސްޓްމަންޓް ހަރަދު ދިރާގާއި އުރީދޫއިން ކޮށްފައިވާތީ ސަރުކާރަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދިޔަ ކަމެއް ކަމަށް މަލީހު ވިދާޅުވި އެވެ.
ސަބްމެރިން ކޭބަލްގެ މަސައްކަތް ޗައިނާގެ ވާވޭ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ކޭބަލް އެޅީ ކުންފުނީގެ ދަށުން ހިންގާ "ވާވޭ މެރައިން" އިންނެވެ.
އާ ކޭބަލް އަޅަނީ ލަންކާގެ މައުންޓް ލެވީނިއާއާއި ހުޅުމާލެއާ ދެމެދު އެވެ.
ދިރާގާއި އުރީދޫ ހިއްސާވާ މި ކޭބަލްގެ ދިގުމިނަކީ 840 ކިލޯ މީޓަރެވެ. މި ކޭބަލް އަޅާފައި ވަނީ 3،700 މީޓަރު އަޑީގަ އެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ދިރާގާއި އުރީދޫން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ކަސްޓަމަރުންނަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތްތައް ފުޅާކުރެވޭނެ އެވެ.
މިއީ ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެއަށް އަޅާ ފުރަތަމަ ސަބްމެރިން ކޭބަލެވެ. މީގެ ކުރިން 2007 ގައި ދިރާގުން ވަނީ ސްރީލަންކާ ޓެލެކޮމް އާ ގުޅިގެން ކޮލަމްބޯ އިން ހުޅުމާލެއަށް 850 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލެއް އަޅައިފަ އެވެ.
އުރީދޫން ވެސް މީގެ ކުރިން ރާއްޖެ އާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ސަބްމެރިން ކޭބަލެއް އަޅާފައިވެ އެވެ. ދިރާގާއި އުރީދޫ ގުޅިގެން އަލަށް އަޅާ މި ކޭބަލް ވާނީ މިގޮތަށް ރާއްޖޭގައި އަޅާ ތިން ވަނަ ކޭބަލަށެވެ. މި ކޭބަލްގެ 45 ޕަސެންޓު ދިރާގުން ހިއްސާވާއިރު އުރީދޫން ވެސް 45 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ބާކީ 10 ޕަސެންޓް ހިއްސާއަކީ ސްރީ ލަންކާގެ މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޑައިލޮގް އެޒިއޭޓާގެ ހިއްސާ އެވެ.