ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތަކަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ 18 އަހަރުން 25 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ނިންމާފައިވާ ކަމަށް ބުނެފި އެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރޭ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯއަކީ 73 އަހަރުގެ ކަރަންޓުގެ ސިނާއަތް ތަފާތު ނަންނަމުގައި އައިސް އުފަންކޮށްދިން ދަރިއެއް ކަމަށެވެ. އެގޮތުން ތައާރަފް ކުރި ހައުސިން ސްކީމްގެ ދަށުން ކުންފުނީގެ 360 މުވައްޒަފަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ތަރައްޤީކުރި ފްލެޓްތައް މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ވަނީ މުވައްޒަފުންނާ ޙަވާލުކޮށްފަ އެވެ. ސްޓެލްކޯގެ ޓަވަރުތަކަށް ނަން ދީފައި ވަނީ "ބްލޫ ރިޖް"ގެ ނަމުންނެވެ. މި މަޝްރޫޢަކީ 692 މިލިއަން ރުފިޔާއަށް މަޝްރޫއެކެވެ.
އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް ކުރިން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5،622 ރުފިޔާ އެވެ. އަދި 2 ކޮޓަރިޔާ މެއިޑް ރޫމް ހިމެނޭ ފްލޭޓްތަކަށް ދައްކަން ޖެހޭ މިންވަރު އުޅުނީ 10،356 ރުފިޔާއާއި 10،652 ރުފިޔާއާ ދެމެދުގަ އެވެ. އަދި މެއިންޓެއިންސް ފީގެ ގޮތުގައި އިތުރު 1،000 ރުފިޔާ ދައްކަންޖެހެ އެވެ.
ފްލެޓް ލިބި އެޑްވާންސް ޕޭމަންޓް ނުދެއްކި ބައެއް ސްޓާފުން ތިބިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މި މަހުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކިވާ މުވައްޒަފުންގެ އެޑްވާންސް ޕޭމަންޓް ޕްރައިމަރީ އެމައުންޓުގެ ތެރެއަށް ހިމަނައިގެން ކުރިއަށްގެން ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި މުވައްޒަފުންގެ ފްލެޓުތަކަށް ދައްކަންޖެހޭ ކުލީގެ އަގު ކުޑަ ކުރުމަށްޓަކާ ސްޓެލްކޯގެ މެނޭޖްމަންޓުން މަޝްވަރާ ކުރުމަށް ފަހު މިހާރު ވާނީ 18 އަހަރުގެ ބަދަލުގައި 25 އަހަރަށް ބަދަލުކޮށް ފްލެޓަށް ދައްކަން ޖެހޭ ކުލީގެ އަދަދު ކުޑަ ކޮށްފަ އެވެ.
ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ބޯޑުން މިކަމަށް އެޕްރޫވަލް ލިބުމާއެކު ފްލެޓް ލިބުން މުވައްޒަފުންނަށް އަންގާނެ ކަމެވެ. އަދި މި ބަދަލު ބޭނުންވާ ފަރާތްތަކުން ލިޔުމަކުން އެކަން ސްޓެލްކޯއަށް އަންގަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރޭގައި އެޑްވާންސް ޕޭމަންޓް ނުދެއްކި ވާ ފަރާތްތަކުން، އެކަމަށް ނޭދޭނަމަ، އެފަރާތަކާއެކު ހެދިފައިވާ އެގްރިމެންޓް ބާތިލްވާނެ ކަމަށެވެ.