ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވީލް ޗެއާތަކާއެކު ބޮޑު އެހީއެއް ދޭން ނިންމައިފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމުގެ މަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ.
މި މަސައްކަތުގެ ދަށުން އިތުރު 33 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރަން އެ ބޭންކުން ވަނީ ނިންމާފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށް ވުރެ ގިނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްދެވިފައިވާ ކަމަށެވެ.
"ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ކަމެއް. މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިވަނީ ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައި. މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލް ޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވަމުންނެވެ. މިގޮތުން ދާދި ފަހުން ބޭންކުންވަނީ 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ވެސް ހިންގާފަ އެވެ. އަދި މިއަހަރު ކުރީކޮޅު ބޭންކުން ވަނީ އެ އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް އަށް ވެސް ބޭންކުން ވަނީ ދާދިފަހުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.