ޗައިނާގެ ސަދަން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ދަތުރުތައް ފެށުމަށް ފަހު ކޮންމެ ހަފްތާއެއްގެ ހޯމަ އާއި ބުދަ އާއި ހުކުރު ދުވަހު ރާއްޖެ އަށް ދަތުރުތައް އަޅަން ވަނީ ޝެޑިއުލްކޮށްފަ އެވެ.
ޗައިނާގެ ސަދަން އެއާލައިނުން ރާއްޖެއަށް އަންނަ ފުރަތަމަ ބޯޓުން 280 ފަސިންޖަރުން ދަތުރު ކުރާނެ އެވެ. އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާފައި ވަނީ ކޮވިޑާ ހެދި ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެ ގައުމު ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވާލުމާއެކު ރާއްޖެއަށް އޮތް ޑިމާންޑު އިންތިހާއަށް ބޮޑުވުމުންނެވެ.
ޗައިނާއިން މިހާރު ވެސް ދެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރެ އެވެ. އެއީ ބެއިޖިން ކެޕިޓަލް އާއި ޗައިނާ އީސްޓާން އެއާލައިނެނެވެ. އެ ގައުމުން ރާއްޖެއަށް ދަތުރުތައް އަލުން ފަށާފައި ވަނީ 18 ޖެނުއަރީގަ އެވެ.
ޗައިނާއިން ރާއްޖެއަށް ދަތުރު ފެށިތާ ހަފުތާއެއް ނުވަނީސް އެ ގައުމު ވަނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނިފަ އެވެ. މިހާރު އެ ގައުމު އޮތީ 5،350 ޓޫރިސްޓުންނާއެކު ލިސްޓުގެ 8 ވަނައިގަ އެވެ.
ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ.
ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ބޯޑަރުތައް ބަންދު ކުރުމާއެކު ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.