މިދިޔަ ޖެނުއަރީ މަހު މީރާއަށް 3.40 ބިލިއަން ރުފިޔާ ބަލައި ގަނެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 43.1 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ ޖެނުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 43.6 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ ޖެނުއަރީ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، އެއާޕޯޓް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން، ޑިސެންބަރު 2021 އާއި އަޅައިބަލާއިރު، މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12.0 ޕަސެންޓް އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.
ޖަނަވަރީ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 47.7 ޕަސެންޓު ނުވަތަ 1.62 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 38.1 ޕަސެންޓް ނުވަތަ 1.30 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސް 100.79 މިލިއަން ރުފިޔާ (3.0 ޕަސެންޓް)، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 94.04 މިލިއަން ރުފިޔާ (2.8 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.60 މިލިއަން ރުފިޔާ (5.8 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 198.63 މިލިއަން ރުފިޔާ (5.8 ޕަސެންޓް) ލިބިފައިވެ އެވެ.
މިދިޔަ މަހު ދެއްކި އާމްދަނީގެ ތެރޭގައި 112.80 މިލިއަން ޑޮލަރު ހިމެނެ އެވެ.