އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލޭސިޓީ ކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 50 ދުވަހުގެ މުއްދަތަކަށެވެ.
ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމާއި ބެހޭ އުސޫލުގައިވާ ގޮތުން ގޮޅި ދޫކުރެވޭނީ ހުޅުމާލޭގެ ރަށްވެހިންނަށާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށެވެ. އަދި ގޮޅި ކުއްޔަށް ދިނުމާއި އެހެން ފަރާތަކަށް މަންފާ ލިބޭ ގޮތަށް ދީގެން ގޮޅި ހިންގުމާއި، ބިދޭސީންނާ ހަވާލުކޮށްގެން ގޮޅީގެ އެއްވެސް މަސައްކަތެއް ހިންގުމަކީ ހުއްދަކަމެއް ނޫން ކަމަށް ކައުންސިލުން ބުނެ އެވެ.
މި އުސޫލާ އެއްގޮތަށް ގޮޅިތައް ހިންގުމުގެ ކަންކަން ބަލާ ޗެކު ކުރާއިރު އުސޫލާ ޚިލާފު ކަމެއް ފާހަގަ ވެއްޖެނަމަ -/200 ރުފިޔާ އާއި -/500 ރުފިޔާ އާއި ދެމެދުގެ އަދަދަކުން އެ ގޮޅިއެއް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ކަމެއް އަލުން ތަކުރާރު ވެއްޖެނަމަ އިތުރު ފުރުސަތެއް ދިނުމަކާ ނުލާ ގޮޅިން މުދާ ހުސްކުރުމަށް އަންގާ ގޮޅި ވަކި ކުރުމުގެ ނޯޓިސް ދެވޭނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ހުޅުމާލޭގައި ރޯދަމަހަށް ޚާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓު ތަކުން ގޮޅި ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ހުޅުމާލޭ އަމީން އެވެނިއު މޭޕްލް ބިލްޑިންގެ 1 ވަނަ ފަންގިފިލާގައި ހުންނަ އެ ކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން ދޫކުރާ ގޮޅިއަށް އެދޭ ފޯމް ފުރުމަށް ފަހު އަންނަ މަހުގެ 11ވަނަ ދުވަހުގެ 2:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހެ އެވެ.
އަންނަ ރޯދަމަހަށް އެސްޓީއޯއިން ވެސް އަންނަނީ ހުޅުމާލޭ ދެވަނަ ފިވަހީގައި ފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ. އެ ފިހާރަ އަންނަ މަހު ހުޅުވާ ޚިދުމަތްދޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްގެ ޚިދުމަތް ލިބޭނެ އެވެ. އަދި އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތަކާއި ރޯދަމަހަށް ޚާއްޞަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސް ވެސް އެ ފިހާރައިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.