މޯލްޑިވިއަން އިން ކުރިއަލާ ޓިކެޓް ނެގުމުން 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
އެތެރޭގެ އުދުހުމުގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އެއާލައިނުން ބުނީ ޑިސްކައުންޓް ޓިކެޓް ލިބޭނީ ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގާ ފަރާތްތަކަށް ކަމަށެވެ.
އެ އެއާލައިނުން އިން ބުނީ ކޮންމެ ފްލައިޓަކުން 5-10 ޕަސެންޓާ ދެމެދުގެ ސީޓުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މޯލްޑިވިއަން އިން ބުނީ މި ހަފްތާ ތެރޭގައި މިގޮތަށް ޓިކެޓް ނެގޭނެ ކަމަށެވެ. މި އަގުތަކުގައި ދަތުރު ކުރަން ފަށާނީ މެއި 1 ވަނަ ދުވަހުން ފެށިގެން ދަތުރު ކުރަން ނަގާ ޓިކެޓުތަކުންނެވެ.
އެ އެއާލައިންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ މި ފެއާ އަގުތަކަށް ފަސޭހަ ކުރުމުގެ ގޮތުން މި ހަފުތާއިން ފެށިގެން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިމުމަކާ ހަމައަށް ފްލައިޓް ޝެޑިއުލް ވެސް އާންމުކޮށްފައިވާނެ ކަމަށެވެ.
"ކުރިއާ ހިލާފަށް އަޅުގަނޑުމެން މިފަހަރު ވެބްސައިޓުގައި ހަ މަހުގެ ފްލައިޓް ޝެޑިއުލް އާންމުކުރާނަން. އެ ޝެޑިއުލް އާ އެއްގޮތަށް ޓިކެޓުތައް ނެގޭނެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ބުނީ ޝެޑިއުލް އާއްމުކުރުމުން ކުރިއަށް އޮތް ހަ މަސް ދުވަހަށް ޓިކެޓް ނެގޭނެ ގޮތް ކަސްޓަމަރުންނަށް ފެންނާނެ ކަމަށެވެ. މީގެ ކުރިން މޯލްޑިވިއަން އިން އެންމެ އަވަހަށް ޓިކެޓް ނެގޭނީ ތިން މަސް ކުރިއާލަ އެވެ.
"އާލީ ބާޑް އޮފާ" ތައް ނުވަތަ ކުރިއާލާ ޓިކެޓް ނަގާފަރާތްތަކަށް އާންމުކޮށް ވެސް އެހެން އެއާލައިންތަކުން ޑިސްކައުންޓް ދެ އެވެ.
މޯލްޑިވިއަން އިން ބުނީ، އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކުން ޑިސްކައުންޓް ދޭން ފެށީ ކުރިއާލައި ޓިކެޓް ނެގުމަށް ކަސްޓަމަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
ޑިސްކައުންޓް ދިނުމުގައި އޮފް ޕީކް ގަޑިތަކުގަ އާއި ޑިމާންޑް ދަށް މަންޒިލްތަކަށް ޑިސްކައުންޓް ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އަވަހަށް ޓިކެޓް ނަގާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓް އަގުތަކެއް ހަމަޖެއްސި އިރު މިދިޔަ މަހު އެ އެއާލައިން އިން ވަނީ ޓިކެޓް ތަކުގެ އަގު ކާޑެއްދޫ ޓިކެޓުން 180ރ. އަދި އެހެން ހުރިހާ މަންޒިލަކަށް ޓިކެޓަކުން 70ރ. އަގު ބޮޑު ކޮށްފަ އެވެ.