ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށި ފުރަތަމަ މަހު ދައުލަތަށް 1.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30.4 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް އާއި ފީތަކުން ލިބުނު އާމްދަނީ އިތުރުވުމުނެވެ. އެގޮތުން މިދިޔަ އޭފްރީލް މަހުން 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން އަންނަނީ ދެ ރުފިޔާގެ ފީއެއް ނަގަމުންނެވެ.
މީރާގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ ނުވަތަ މުދަލާއި ހިދުމަތުން ނަގާ ޓެކުހުންނެވެ.
މިދިޔަ މަހު ޑޮލަރުން 72.78 މިލިއަންގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.
މީރާއަށް ލިބުނު އާމްދަނީގެ ތަފުސީލު:
- ޖީއެސްޓީގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ
- އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 212.43 މިލިއަން ރުފިޔާ
- އެއާޕޯޓް ޑެވެލޮޕްމެންޓު ފީގެ ގޮތުގައި 114.34 މިލިއަން ރުފިޔާ
- ޑިޕާޗާ ޓެކްސްގެ ގޮތުގައި 101.20 މިލިއަން ރުފިޔާ
- ގްރީން ޓެކުހުގެ ގޮތުގައި 83.10 މިލިއަން ރުފިޔާ
- އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 112.17 މިލިއަން ރުފިޔާ