ހއ. މެދަފުއްޓާއި ށ. ނަލަންދޫގައި ރިސޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މި ދެ ރަށުގައި ރިސޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 21 ގެ ނިޔަލަށް ވަނީ ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އަންނަ މަހުގެ 17 ވާ އާދިއްތަ ދުވަހުގެ 1:00 ގެ ކުރިން ޓޫރިޒަމް މިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މެދަފުއްޓަށް ބިޑް ހުށަހަޅާ ފަރާތުގެ މާލީ ފެންވަރު ނުވަތަ ފައިނޭންޝަލް ކެޕޭސިޓީ ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) އަށް ވުރެ މަތިވާން ޖެހޭނެ އެވެ. އަދި ނަލަންދޫއަށް ބިޑް ހުށަހަޅާ ފަރާތްތަކުގެ މާލީ ފެންވަރު 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އަށް ވުރެ މަތި ވާން ޖެހޭނެ އެވެ.
12 ހެކްޓަރުގެ ބޮޑުމިން ހުންނަ މެދަފުށީގައި މަދުވެގެން 120 ކޮޓަރި އަޅަންޖެހެ އެވެ. އަދި 63 ހެކްޓަރުގެ ބޮޑުމިން ހުންނަ ނަލަންދޫގައި މަދުވެގެން 200 ކޮޓަރި އަޅަންޖެހެ އެވެ.
މީގެ ކުރިން ވެސް ހއ. މެދަފުށި ވަނީ ބީލަމުގެ އުޞޫލުން ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލާފަ އެވެ. ނަމަވެސް މިއީ ށ. ނަލަންދޫ ހުޅުވާލި ފުރަތަމަ ފަހަރެވެ.