މިދިޔަ މަހު 1.67 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.
މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ %10.5 އިތުރު އަދަދެއް ކަމަށެވެ. އަދި، ސެޕްޓެމްބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ %9.3 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2022 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ނޮވެންބަރު 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ޖީއެސްޓީގެ ރޭޓު އިތުރުވުމުގެ ސަބަބުން ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި، މި އަހަރު އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ މީރާއިން ބަލައިގަނެފައިވާތީ، ނޮވެންބަރު 2022 އާ އަޅައިބަލާއިރު 2023 ގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ.
މީގެ އިތުރުން، އޮކްޓޫބަރު 2022 އާ އަޅައިބަލާއިރު އޮކްޓޫބަރު 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 3.5% އަށް އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެކްސްޕަޓްރިއޭޓް ކޯޓާ ފީ، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި، އާމްދަނީން ނަގާ ޓެކްސް، ޓީޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ފާއިތުވެފައިވާ ސުންގަޑިތަކުގައި ނުދައްކާހުރި ފައިސާ ނޮވެންބަރު މަހުގެ ތެރޭގައި ދައްކައިފައިވާތީ، ނޮވެންބަރު މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން، އޮކްޓޫބަރު 2023 ގައި ދިވެހި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދު 0.8% އިތުރުވުމުގެ ސަބަބުން، ނޮވެންބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތު ދެ އެވެ.
ނޮވެންބަރު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 67.16% ނުވަތަ 1.12 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 6.60% ނުވަތަ 110.70 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 84.35 މިލިއަން ރުފިޔާ (5.10%)، އެއަޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 74.33 މިލިއަން ރުފިޔާ (4.50%)، ޑިޕަޗަރ ޓެކުހުގެ ގޮތުގައި 72.93 މިލިއަން ރުފިޔާ (4.34%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 205.10 މިލިއަން ރުފިޔާ (%12.30) ލިބިފައިވެ އެވެ.
ނޮވެންބަރު 2023 ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 69.32 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.