މޯލްޑިވިއަން އިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކުރުމަށްޓަކައި ވައިޑް-ބޮޑީ މަތިންދާބޯޓު ހޯދުމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފަސް އަހަރުގެ މުއްދަތަށް ޑްރައި ލީސް އުސޫލުން އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެއް ބޭނުންވާ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ މިބޯޓު ހޯދާ ސަބަބަކީ ރާއްޖޭއިން ބޭރަށް މިހާރު ކުރާ ސީދާ ދަތުރުތައް އިތުރުކޮށް، އެ އެއާލައިނުގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށެވެ.
ޑްރައި ލީސް އުސޫލުން މަތިންދާބޯޓު ކުއްޔަށް ނަގަނީ މަރާމާތާއި ތެލާއި ކްރޫ ފަދަ އޮޕަރޭޝަނަލް ހުރިހާ ހަރަދެއް ބޯޓު ކުއްޔަށް ނަގާ ފަރާތުން ކުރާ ގޮތަށެވެ.
ބޭރުގެ ފަރާތްތަކަށް ވެސް ހުޅުވައިލި، އެ ބިޑު ހުށަހެޅުމުގެ ފުރުސަތުގައި އެ މަތިންދާބޯޓު، ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފޯރުކޮށްދޭންޖެހޭނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
އައިލެންޑް އޭވިއޭޝަނުން ހުޅުވައިލި ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އޮންނާނެ އެވެ. އަދި އެ ބިޑު ހުޅުވައިލިއިރު އައިލެންޑު އޭވިއޭޝަނުން ބުނެފައިވަނީ ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި އެ މަތިންދާބޯޓު ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.
މި މަހުގެ 17 ވަނަ ދުވަހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާނުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެފައިވަނީ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ޤައުމީ އެއާލައިނަށް ހަމަޖެއްސުމާއެކު، އެ މަތިންދާބޯޓު އޮޕަރޭޓުކުރުމަށް ހަމަޖައްސަންޖެހޭ އެހެނިހެން އިންތިޒާމުތައް ހަމަޖެއްސެވުމަށް ކެބނިޓުން ނިންމާފައިވާ ކަމަށެވެ.
މި ވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.