ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް ފަސް މެންބަރަކު ވަކި ކުރުމަށް ފަހު އޭގެ ތެރެއިން ދެ މެންބަރަކު ބޯޑަށް އަލުން އައްޔަންކޮށްފި އެވެ.
ބީއެމްއެލްގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ ފަސް ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް ވަކިކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. ބީއެމްއެލްގެ ޑިރެކްޓަރުގެ ބޯޑުން ވަކިކޮށްފައި ވަނީ ޗެއާމަން ޔޫޝައު ސައީދު، އަދި ބޯޑު މެންބަރުން ކަމަށްވާ ޖުވޭރިޔާ ސައީދު، އަބްދުﷲ ހަސަން، އައިޝަތު ސަޖުނީ އަދި އަބްދުﷲ ހުޝާމު ޝަރީފެވެ.
ބީއެމްއެލްގެ ބޯޑުން އެ ފަސް މެންބަރުން ވަކިކުރުމުން ބޯޑުގައި ބާކީ ތިބީ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީންގެ އިތުރުން އާންމު ހިއްސާދާރުން ތަމްސީލު ކުރަން ބޯޑުގައި ތިބި މެންބަރުން ހިމެނޭހެން ފަސް މެންބަރުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އަލުން ބޯޑަށް އައްޔަން ކުރަނީ އަބްދުﷲ ހަސަން އާއި އައިޝަތު ސަޖުނީ އެވެ.
ބޯޑުން ވަކިކުރި ދެ ޑައިރެކްޓަރުން އަލުން ބޯޑަށް އައްޔަނުކުރުމުން، ބީއެމްއެލްގެ ބޯޑުގައި މި ވަގުތު ތިއްބަވާނީ ހަތް މެންބަރުންނެވެ.
ބޭންކުގެ ގަވާއިދުގައިވާ އަށް މެންބަރުން ހަމަކުރަން ސަރުކާރުން ވަނީ ބޭންކުގެ ޗެއާމަނަކަށް ހުރި ޔޫޝައު ސައީދުއަށް ވެސް އަލުން އެ މަގާމު ހުށަހަޅައިފަ އެވެ. އެހެންނަމަވެސް އަދި އެ މަގާމު އޭނާ ގަބޫލުކޮށްފައި ނުވާކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
ބޭންކުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުއްލި ހާލަތެއްގައި މެނުވީ އަޅާ ފިޔަވަޅެއް އެޅޭނީ ބޯޑުގައި އަށް ޑިރެކްޓަރުން ތިބެގެންނެވެ. ބޯޑަށް އަލުން މެންބަރުން އައްޔަން ކުރަން އާންމު ހިއްސާދާރުންނާ އެކު ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.