ޓެކްސް އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 7.8 ބިލިއަން ރުފިޔާ މިހާތަނަށް ލިބިފައި ނުވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ނެރުނު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެއަހަރުގެ ނިޔަލަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުން މީރާއަށް ލިބެން ޖެހޭ 7.8 ބިލިއަން ރުފިޔާގެ ތެރެއިން 4.8 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ 2.9 ބިލިއަން ރުފިޔާ ވެސް ނުލިބޭ ކަމަށް މީރާއިން ބުނެ އެވެ.
ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތަފްސީލް
- އިންކަމް ޓެކްސް – 790 މިލިއަން ރުފިޔާ
- ޓީޖީއެސްޓީ – 1.1 މިލިއަން ރުފިޔާ
- ޖީޖީއެސްޓީ – 2.2 ބިލިއަން ރުފިޔާ
- އެހެނިހެން ޓެކްސް – 771 މިލިއަން ރުފިޔާ
- ޖުމްލަ – 4.8 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީން ނުލިބި ހުރި ފައިސާ
- ރިސޯޓުތަކުގެ ކުލި – 2.8 ބިލިއަން ރުފިޔާ
- ޓެކްސް ނޫން އާމްދަނީ (އެހެނިހެން) – 165 މިލިއަން ރުފިޔާ
- ޖުމްލަ – 2.9 ބިލިއަން ރުފިޔާ
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ނުލިބި ހުރި ފައިސާ
- ޓެކްސްގެގޮތުގައި ނުލިބި ހުރި ފައިސާ – 1.3 ބިލިއަން ރުފިޔާ
- ޓެކްސް ނޫން އާމްދަނީން ނުލިބިހުރި ފައިސާ – 109 މިލިއަން ރުފިޔާ
- ޖުމްލަ - 1.4 ބިލިއަން ރުފިޔާ
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި 2،290 މައްސަލައެއްގައި މީރާއިން ވަނީ ޖޫރިމަނާ މާފްކޮށްދީފަ އެވެ. އެގޮތުން މާފްކޮށްދިން ޖޫރިމަނާގެ ޖުމްލަ އަދަދު 36.7 މިލިއަން ރުފިޔާއަށް އަރަ އެވެ.
މީރާއިން ބުނިގޮތުގައި ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، މީރާއިން ދަނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މީރާއިން ދަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށް، އެފަދަ ބައެއް މައްސަލަތައް ކޯޓަށް ވެސް ހުށަހަޅަމުންނެވެ. އަދި މިގޮތަށް ކުރެވުނު މަސައްކަތުން މިދިޔަ ކުއާޓަރުގައި މީރާއިން ވަނީ 803.9 މިލިއަން ރުފިޔާ ހޯދާފަ އެވެ.