ގައުމީ އެއާލައިން މޯލްޑިވިއަން އާއި ރާއްޖޭގެ އެންމެ އުތުރުގައި ހިންގާ ޖޭއޭ މަނަފަރު ރިސޯޓާ ދެމެދު ޓޫރިސްޓުން އުފުލުމަށް އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.
މި ޕާޓްނާޝިޕުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓުން ނަގައިގެން ހއ. ގައި ހިންގާ ހޯރަފުށީ އެއާޕޯޓަށް ޓޫރިސްޓުން އުފުލާނެ އެވެ. މޯލްޑިވިއަން އިން މިހާރު ވަނީ ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ވެސް ނިންމައިފަ އެވެ. ދެ ފަރާތުގެ މެދުގައި މި ގާއިމްކުރި ޕާޓްނާޝިޕުގެ ދަށުން ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ރިސޯޓަށް ޓޫރިސްޓުން ގެންދިއުމުގައި އިތުރު ފަސޭހަތަކެއް ލިބި ޓޫރިސްޓުންނަށް ވެސް ހިތްހަމަޖެހޭ ތަޖްރިބާއަކަށް ވާނެ ކަމަށް މޯލްޑިވިއަން އިން އުއްމީދު ކުރެ އެވެ.
މޯލްޑިވިއަންގެ އުއްމީދަކީ މުޅި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ދަތުރުފަތުރުގެ ދާއިރާ އިން ފެންވަރު ރަނގަޅު، ފަސޭހަ އަދި ލުއި ގޮތްތަކެއް އިންތިޒާމް ކޮށްދިނުމެވެ.
ދުބާއީގެ މުއްސަނދި އާއިލާއަކުން ހިންގާ މަނަފަރު ރިސޯޓަށް ކުރިން ޓޫރިސްޓުން އުފުލަމުން ގެންދިޔައީ މަންތާ އެއާ އިންނެވެ. މަންތާ އިން ދިޔައީ ހޯރަފުށީ އެއާޕޯޓަށް ކޮންމެ ދުވަހަކު ވެސް ދެ ދަތުރު ކުރަމުންނެވެ. ނަމަވެސް މަންތާ އިން ވަނީ އެ ދަތުރުތައް މިދިޔަ މަހު ފަހުކޮޅު ހުއްޓާލައިފަ އެވެ. އޭގެ ފަހުން މަނަފަރަށް ޓޫރުސްޓުން އުފުލަމުން ދިޔައީ ސީޕްލޭނުގަ އެވެ. މިއީ ޓޫރިސްޓުން ގިނަ އިރު ދަތުރުމަތީގައި ހޭދަކުރަން ޖެހޭ ކަމެކެވެ.
ނަމަވެސް ހޯރަފުށީ އެއާޕޯޓް މެދުވެރިކޮށް މޯލްޑިވިއަނުން ޓޫރިސްޓުން އުފުލަން ފެށުމަކީ ދެ ފަރާތަށް ވެސް ލިބިގެންދާ ލުއި ފަސޭހަ އަދި ޓޫރިސްޓުންނަށް ހިތްހަމަޖެހުން ބޮޑުވާނެ ކަމެކެވެ.