މޯލްޑިވިއަން އިން ކޮލަމްބޯއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ، ކޮލަމްބޯގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ އޭޕްރީލް 25 އިން ފެށިގެން ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ.
އެ އެއާލައިންގެ ދަތުރުތަކާ އެކު ދެ ގައުމަށް ވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މީގެ ކުރިން ވެސް އެ އެއާލައިނުން ވަނީ ސްރީލަންކާ އާއި މާލެ އާ ދެމެދު ސީދާ ދަތުރުތައް ބާއްވައިފަ އެވެ. މީގެ އިތުރުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ލަންކާ އަށް ދަތުރުތައް ބޭއްވި އެވެ.
މޯލްޑިވިއަން އިން ބުނީ މި ދަތުރުތައް ފަށަނީ އެ އެއާލައިނުގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.
"މިއީ ވިޔަފާރި ކަންތަކުގައި އަދި ޗުއްޓީ އަށް ވެސް ދަތުރު ކުރާ މީހުންނަށް ލިބޭނެ ފަސޭހައެއް،" ލަންކާ އަށް ދަތުރުތައް ފެށުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި އެވެ.
މޯލްޑިވިއަނުން ކޮންމެ ހަފްތާއަކު ދެ ފްލައިޓު ކޮލަމްބޯއަށް ބާއްވަން ވަނީ ނިންމައިފަ އެވެ. އެއީ ކޮންމެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި، ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ ވިޔަފާރިތަކާއި އާންމުންނަށް ވެސް އެންމެ ފަސޭހަވާނެ ގޮތަކަށް ބަލައިގެންނެވެ. އަދި މޯލްޑިވިއަންގެ 16 ޑޮމެސްޓިކް އެއާޕޯޓު މެދުވެރިކޮށް ވެސް ލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިން ފްލައިޓުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ. އެ އެއާލައިނުން އަންނަނީ އިތުުރު އެއާބަސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
މޯލްޑިވިއަން އިން ދަނީ އެ އެއާލައިނުން ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިގު ދަތުރުތައް ކުރަން ބޭނުންވާ ބޯޓުތައް ކުއްޔަށް ނަގަން ވަނީ އިއުލާނު ކޮށްފަ އެވެ.