މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެ އެވެ.

އޭޝިއަން ޓެލެކޮމް އެވޯޑްސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ދިިރާގަށް ލިބުނު އެވޯޑަކީ ރާއްޖެ ފަދަ އެތައް ރަށަކަށް އާބާދީ ބެހިފައިވާ ޖަޒީރާ ގައުމަކަށް ހަލުވި ސްޕީޑްގައި މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ، މުވާސަލާތީ އަދި ޑިޖިޓަލް ވިއުގަ ތަރައްގީކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ލިބުނު އެވޯޑެކެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވިދާޅުވީ މި ކާމިޔާބީއާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަން ހާމަވާ ކަމަށެވެ. އަދި އެ އެވޯޑަކީ ކުންފުންޏަށް ލިބުނު ޝަރަފެއްގެ ގޮތުގައި ފާހަގަކޮށް، ކަސްޓަމަރުން ދިރާގަށް ކުރަމުން އަންނަ އިތުބާރަށް ޝުކުރު އަދާކުރެއްވި އެވެ.

ދިރާގަކީ މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 ޕަސެންޓް، މޮބައިލް 4ޖީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. އަދި ވޭތުވެދިޔަ އަހަރު ތެރޭގައި އެ ކުންފުނިން ވަނީ 94 ޕަސެންޓު ގޭބީސީއަށް ފައިބާ-ޓު-ދަ-ހޯމް އިންޓަންޓްގެ ހިދުމަތް ވެސް ފުޅާކޮށްފަ އެވެ. އޭގެ އިތުރުން ދިރާގުން މިހާރު ވަނީ 5ޖީގެ ހިދުމަތް އާބާދީގެ 50 ޕަސެންޓަށް ފޯރުކޮށްދީފަ އެވެ. ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ.

ދިރާގަށް މި ދިޔަ ހަފުތާގައި ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން 'ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކު' ގެ އެވޯޑު ވެސް ލިބިފަ އެވެ.