މިދިޔަ މާޗް މަހު ޓެކުހުން ދައުލަތަށް 2.94 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މާޗް މަހު 2.94 ބިލިއަން ރުފިޔާ އެ އިދާރާއިން ބަލައިގެންފައިވާއިރު މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 34.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 26.0 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މާޗު މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 119.67 މިލިއަން ޑޮލަރު ހިމެނެ އެވެ. މާރޗް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުނެ އެވެ. އަދި މީގެ އިތުރުން ބޭންކް އިންކަމް ޓެކްސްގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާޗު މަހުގެ ތެރޭގައި ދައްކާފައި ވާތީ މާޗްމަހު ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.

އެގޮތުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 370.57 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 113.80 މިލިއަން ރުފިޔާ، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި، މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު މިއަހަރުގެ މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވުމަކީ ވެސް މީރާއަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާ އިންވަނީ ބުނެފަ އެވެ.