ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުތައް ތަރައްގީކުރުމަށް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި އިފްޒާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން މާޓިން ގްރެގާސް ޕެޑެސެން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި އެމްއޯޔޫގެ ދަށުން އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

"މިއާއެކުގައި އެއްބަސްވުމުގެ ތެރެއިން އުތުރާއި ފުނަދޫގެ ފައިނޭންޝަލް ސެންޓަ ބިލްޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މި އެމްއޯޔޫގެ ދަށުން ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ އެވެ. އެގޮތުން އެރަށުގައި ގާއިމްކުރާ ފައިނޭންޝަލް ސެންޓަރު ތަރައްގީކުރުމާއި، މާލެއާއި ހުޅުލެ ދޭތެރޭ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިފްޒާގެ ޚަރަދުގައި ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއިން ދުބާއީގެ އިފްޒާއާ އެކު އެމްއޯޔޫސޮއި ކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ | ހުރިހާ

މީގެ އިތުރުން އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ތެރެއިން އިފްޒާގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިފްޒާ ކުންފުނީގެ ޗެއާމަން މާޓިން ގްރެގާސް ޕެޑެސެން ވިދާޅުވީ މިމަޝްރޫއުގެ ދަށުން އިންވެސްޓަރުންނާއެކު މަސައްކަތްކޮށްގެން އިފްޒާގެ ފަރާތުން ރާއްޖެއަށް ގިނަ އިންވެސްޓްމެންޓުތަކެއް ހޯދައި ދެވޭނެ ކަމަށެވެ.