މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ނިންމި ގޮތަށް ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ހަސަން ޒަރީރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގައި ނެގި ވޯޓުގައި ޓެކްސް ކޮމިޝަނަރަކަށް ޒަރީރު އައްޔަން ކުރެއްވުމަށް ފާސްވީ 45 މެންބަރުންގެ ވޯޓުންނެވެ.

ޒަރީރު އައްޔަން ކުރެއްވުމަށް މަޖިލީހުގައި ވޯޓަށް އަހާފައިވަނީ އިގްތިސާދީ ކޮމިޓީން އެގޮތަށް ނިންމައި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށްފަހު އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސް މުހައްމަދު މުޢިއްޒު ދެ ނަމެއް މަޖިލީހަށް ފޮނުއްވެވި އެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަންފުޅާއި ޒަރީރުގެ ނަންފުޅެވެ.

އިގްތިސާދީ ކޮމިޓީން ދެ ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށްފަހު ވަކިވަކިން ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ވޯޓު ނެގި އެވެ. ކޮމިޓީގެ 10 މެންބަރުންގެ ވޯޓާއެކު ޒަރީރަށް ރުހުން ދިނުމަށް ފާސްކުރި އެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.