ޗައިނާއިން މިއަހަރުގެ މިހާތަނަށް 92،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ޗައިނާއިން 92،292 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިމުއްދަތުގައި ރާއްޖެއަށް ޖުމްލަ 830،665 ފަތުރުވެރިން އައިސްފައިވާއިރު، މީގެ ތެރެއިން 11.1 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ.

މިއަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާޢިރު 11.8 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން 84،055 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި ތިން ވަނައަށް އިނގިރޭސިވިލާތުން 79،507 ފަތުރުވެރިން އައިސްފައިވެ އެވެ. ފަތުރުވެރިކަމުގެ މާކެޓްގެ ހަތަރުވަނާގައި އޮތް އިޓަލީން 73،214 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ޖަރުމަނުން 65،198 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން މި އަހަރުގެ މިހާތަނަށް އައީ 46،970 ފަތުރުވެރިންނެވެ. އިންޑިޔާ ފަތުރުވެރިންގެ މާކެޓް ބަދަލުވީ މި އަހަރު އެވެ.