ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގެ މެދު ތެރެ، 2025 އިިން 2027 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލުމާ ގުޅޭ މަސައްކަތްތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލަރއެއް ނެރެފަ އެވެ.

ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުނު ސާކިއުލާގައި ވަނީ ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ އާ ހަރަކާތްތަކާއި މަޝްރޫއުތައް، ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލި މެނިފެސްޓޯގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ.

ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، ދައުލަތުގެ އޮފީސްތަކުން ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ގޮތުގައި ޕްރޮޕޯސަލްސް ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. އަދި މި ޕްރޮޕޯސަލްތަކަކީ މެދެރާސްތާގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި މަޝްރޫޢުތަކަށް ވާން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ދައުލަތުގެ އޮފީސްތަކުން ހުށަހަޅާނީ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އާ ކަންތައްތަކާއި ބަޖެޓުން އިތުރަށް ޖާގަ ބޭނުންވާތީ ހުށަހަޅާ ކަންތައްތަކަށް ކަމަށެވެ.

ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ އާ ކަންތައްތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ސަރުކާރުން އެކުލަވާލި މެނިފެސްޓޯގައި ހިމެނޭ މަގުސަދުތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައް ކަމަށް ވާންޖެހެ އެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި އޮފީސްތަކުން ހުށަހަޅާ ހަރަކާތް ނުވަތަ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމާއި މުޖުތަމައުގެ ނާޒުކު ފަރާތްތަކަށް ކުރާނެ އަސަރު އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ހުރި ގުޅުން ބަޔާންކުރަންޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި ހުށަހަޅާ ކަންތައްތަކަކީ އެ ސިޔާސަތެއް ތަންފީޒުވުމުން ބަޖެޓުން ކުރެވޭ ހޭދައާ އެއްހަމަ ނަތީޖާއެއް ނެރެވޭ، އަދި ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ކަންތައްތަކުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށާއި، ހިމާޔަތްކުރުމަށް އަދި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެވޭނެ ކަންތައްތަކެއްކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އަންނަ އަހަރުން ފެށިގެން 2027 އަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހަޅަންޖެހެނީ، ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގެ ބަޖެޓު ޕްރިޕެރޭޝަން މޮޑިއުލް ބޭނުންކޮށްގެންނެވެ.

މިގޮތުން ނިއު ޕޮލިސީ އިނީޝިއޭޓިވްސް ހުށަހެޅުމަށް ދައުލަތުގެ އޮފީސްތަކަށް ކަނޑައަޅާފައިވާ ސީލިންތައް ވެސް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް 2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަދި އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ޖުލައިމަހުގެ 4 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ލޯކަލް ކައުންސިލްތައް މި ސާކިއުލާއަށް އަމަލުކުރުމުން އިސްތިސްނާވާނެ ކަމަށެވެ.