ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ބެހޭ ގޮތުން ކަސްޓަމަރުން ކުރާ ޝަކުވާތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރު ޝަކުވާ 20 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށް ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކަށް މިދިޔަ އަހަރު ލިބުނު ބޮޑު މާލީ ފައިދާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ބޭންކުންގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކަސްޓަމަރުންނަށް ދެމެންދާ ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަ އޮފް ކަސްޓަމާ ސާވިސް ގުލްނާޒް މާހިރު ވިދާޅުވީ ފުރިހަމަ އަދި ރައްކާތެރި ބޭންކިންގ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެ ބޭންކުން އެކަމަކަށް އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއްކަން ކަަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާއެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް. މިގޮތަށް ކުރެވެމުންދާ މަސައްކަތުން މިދިޔަ އަހަރު ވަނީ ކަސްޓަމަރުންގެ ޝަކުވާ ވިހި ޕަސެންޓަށް ދަށްކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ގުލްނާޒު މިހެން ވިދާޅުވިއިރު، ސްކޭމް ކޯލް ކޮށްގެން ކަސްޓަމަރުންގެ އެކައުންޓުން އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ގެއްލޭއިރު، އެކަމަށް ބޭންކުން އެއްވެސް ޒިންމާއެއް ނުނަގާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ. އަދި ބޭންކުން ދޫކުރާ ކުދި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް އާދަޔާ ހިލާފަށް ބޮޑުވުމުގެ ޝަކުވާ ވެސް ކުރެ އެވެ.

ބީއެމްއެލް މިދިޔަ އަހަރު އަލަށް 23،000 ކަސްޓަމަރުން

އެ ބޭންކުން ބުނިގޮތުގައި މިދިޔަ އަހަރަކީ ގިނަ ކުރިއެރުންތަކަކާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެކެވެ. އެގޮތުން އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި މިދިޔަ އަހަރު ފާހަގަކުރާއިރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ލޯނާއި އެހެނިހެން ގޮތްގޮތުން ބޭންކަށް ދައްކަން ޖެހޭ އިންޓަރެސްޓުންނެވެ. އެގޮތުން އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ބޭންކުން ދޭ އެކިއެކި ހިދުމަތްތަކުގައި ނަގާ ފީ އާއި ކޮމިޝަންގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ޖުމްލަ 3.5 ބިލިއަން ރުފިޔާ އެ ބޭންކަށް ލިބިފައިވެ އެވެ.

އެ ބޭންކުން ބުނީ މިދިޔަ އަހަރު 23،000 އާ ކަސްޓަމަރުން އެ ބޭންކާ ގުޅި، 66،000 އަށް ވުރެ ގިނަ އާ އެކައުންޓް ހުޅުވާފައިވާ ކަމަށެވެ.