ޗައިނާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ރާއްޖެއަށް ބަހަން ދިން 44 ޓަނުގެ ފިޔާ ހިޔާ ފްލެޓް ސަރަހައްދުގައި ބަހަން ފަށައިފި އެވެ.

ޗައިނާ ޗެމްބާ އޮފް ކޮމާސްއިން ރާއްޖެއަށް ބަހަން 44 ޓަނުގެ ފިޔާ ހަވާލުކޮށްފައި ވަނީ ދެ ގައުމު ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަނާ އެވެ. އަދި މި ތަކެތި ބަހަނީ ހިޔާ ފްލެޓްތަކުގެ ކަންތަކުގައި އުޅޭ "ދަ ކޮމަނާސް" ކިޔާ ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި މިހާތަނަށް 33 ޓަނުގެ ފިޔާ ވަނީ އެ ފްލެޓްތަކުގައި އުޅޭ މީހުންނަށް ބަހައިފަ އެވެ.

އެ ޖަމިއްޔާއިން ބުނީ ހިޔާ ސަރަޙައްދުގައި ފިޔާ ބެހުމަށް ނިންމީ މި ދުވަސްވަރަކި ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ހިޔާ ޓަވަރުގައި ތަކެތި ބެހެއްޓުމަށް ރަނގަޅު ޖާގައެއް ލިބުމުން ކަމަށެވެ.

ޗައިނާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހަދިޔާކުރި ފިޔާ ހިޔާ 4 ގައި ބެހުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ދަ ކޮމަނާސް

"މިހާތަނަށް ދެހާހަށް ވުރެ ގިނަ މީހުންނަށް ފިޔާ ވަނީ ބަހާފައި. މި މަސައްކަތް ހިޔާ H4 ގައި ކުރިއަށް ގެންދަނީ އެތަނުގައި އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ ޖާގަ އޮތީމަ. އެހެނަސް ފިޔާ ބަހަނީ ވަކި ފްލެޓެއްގެ ބަޔަކަށް ނޫން. އެންމެނަށް ވެސް މަރުހަބާ!،" އެކަމުގައި އިސްކޮށް އުޅޭ މިދުއަމް ސައުދުގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެ އެވެ.

ދަ ކޮމަނާސްއިން ބުނީ ފިޔާ ބަހަނީ ހަމައެކަނި ހިޔާ ޓަވަރުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ނޫން ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. ނަމަވެސް ފުރަތަމަ ފިޔާ ބަހާފައި ވަނީ އެ ޖަމިއްޔާގައި ނިކަމެތިންގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ 100 އާއިލާއަށް ކަމަށް ބުނެފައިވެ އެވެ.

ޗައިނާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބަހަމުންދާ ފިޔާ މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ގެންގޮސްފައިވާ ކަމަށް ދަ ކޮމަނާސްއިން ވަނީ ބުނެފަ އެވެ.