އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު 8 ވަނަ ދުވަހު އެވެ. އެ ފަހަރު ވަނީ ޑީސަލް ލީޓަރަކުން 45 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 40 ލާރި ކުޑަކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ ތެލުގެ އަގުހެޔޮކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމުން ކަމަށެވެ.

މި ބަދަލާއެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ވިއްކާނީ:

  • ޕެޓްރޯލް ލީޓަރެއް 13.98 ރ. އަށް
  • ޑީސަލް ލީޓަރެއް 13.92 ރ. އަށް

ކުރިން ޑީސަލް ލީޓަރެއް ވިއްކީ 14.62ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 14.33ރ. އަށެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެސްޓީއޯއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ. މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި އެކު ރާއްޖޭގައި ވިއްކާ އަގުތައް ވެސް ބަދަލު ކުރަމުންދާނެ ކަމުގެ ޔަގީން ކަން ކަސްޓަމަރުންނަށް އަރުވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.