އެސްޓީއޯ އިން ކަސްޓަމަރުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ބޭނުންކުރާ ސޮފްޓްވެއާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ބޮޑު ކުންފުނިން ބުނީ ޖަރުމަން ކުންފުންޏެއްގެ އުފެއްދުމެއް ކަމަށްވާ އެސްއޭޕީ އެސް/4 ހަނާގެ އެންމެ ފަހުގެ ވާޝަން ބޭނުންކުރަން ފެށުމުން ކަސްޓަމަރުންނަށް މިހާރަށް ވުރެ ބޮޑަށް އެތައް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އާ ސޮފްޓްވެއާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު މި މަހުގެ 28 އިން ޖޫން 2 އަށް ބައެއް ދުވަސްތަކުގައި އެސްޓީއޯގެ ބައެއް ވިޔަފާރިތަކަށް އޮންލައިން ޕޭމަންޓް ހެދުން ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގާ ފާމަސީތައް ވެސް ހިމެނެ އެވެ.

އެސްޓީއޯ އިން އާއްމުކޮށްފައިވާ ނޯޓިސް

ނަމަވެސް، އާ ސޮފްޓްވެއާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ދުވަސްތަކުގައި، މާލެ އާއި އަތޮޅުތަކުގައި އެސްޓީއޯ އިން ހިންގާ ބޭސް ފިހާރަތަކުން މެނުއަލްކޮށް ބޭސް ގަންނަން ލިބޭނެ އެވެ. އަދި އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ކޭޝްކޮށް ފައިސާ ދެއްކުމުން މިހާރެކޭ އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބޭނެ އެވެ.

އާ ސޮފްޓްވެއާ އިންސްޓޯލް ކުރުމުން އެސްޓީއޯ އިން ކަސްޓަމުންނަށް ދޭ ޚިދުމަތްތައް އޮޓޮމޭޓްކުރެވި މިހާރަށް ވުރެ އެތައް ތަނެއް އަވަސްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ސޮފްޓްވެއާ އަޕްޑޭޓްކުރާ ދުވަސްތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެސްޓީއޯ އިން މައާފަށް އެދެ އެވެ.

މާލެ އާއި އަތޮޅުތަކުގައި އެސްޓީއޯ އިން 190 އަށް ވުރެ ގިނަ ބޭސް ފިހާރަ ހިންގަ އެވެ.