އަންނަ ބޮޑު އީދާ ދިމާކޮށް، ރަށްރަށަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން މޯލްޑިވިއަން އިން 100 އަށް ވުރެ ގިނަ ދަތުރު އިތުރު ކުރަން ނިންމައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނީ އަންނަ މަހުގެ 13 އިން ފެށިގެން އީދު ޗުއްޓީ ނިމެންދެން ދަތުރުތައް ކުރާނެ ކަމަށެވެ.

"މި އީދު ދުވަސްވަރާ ދިމާކޮށް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވޭ. އެހެންވެ ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އިތުރު ފްލައިޓްތައް ޝެޑިއުލްކުރީ،" އެ ކުންފުނިން ބުންޏެވެ.

ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް މޯލްޑިވިއަން އިން މިހާރު 35 ދަތުރު ކުރެ އެވެ. އެހެންވެ، ހުރިހާ މަންޒިލްތަކަށް ދަތުރުތައް އިތުރު ކުރުމުން، ދުވާލެއްގެ މައްޗަށް ކުރާ ދަތުރުގެ އަދަދު 50 އަށް އިތުރުވާނެ އެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ 16 ތަނަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެ އެވެ. ކޮންމެ އަހަރެއްގެ ވެސް އީދު ޗުއްޓީއަކީ، މޯލްޑިވިއަންގެ ދަތުރުތަކަށް އެންމެ ބާރު ބޮޑު އެއް ދުވަސްވަރެވެ.

ޑޮމެސްޓިކް ދަތުރުތައް ކުރުމަށް އެ އެއާލައިންގެ ފްލީޓުގައި 15 ބޯޓު ހިމެނެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ ބޯޓަކާއި ޑޭޝް އާއި އޭޓީއާރްގެ ބޯޓުތައް ވެސް ހިމެނެ އެވެ. މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިންގެ ފްލީޓު އިތުރު ކުރުމަށް މިހާރު ވެސް ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.