މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 879،885 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 879،885 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، %10.8 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 794،061 ޓޫރިސްޓުންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. ޗައިނާ އިން 98،908 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ ރަޝިއާ އިންނެވެ. އެ ގައުމުން 88،5865 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން ރާއްޖެ އައީ 83،871 ޓޫރިސްޓުންނެވެ.

މި މަހު އެކަނި ވެސް ރާއްޖެ އަށް 107،515 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،945 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖޭގައި މިހާރު 176 ރިސޯޓެއް ހިންގަމުންދާ އިރު، 15 ހޮޓަލާއި 855 ގެސްޓްހައުސްއަކާއި 149 ސަފާރީއެއް ހިންގަ އެވެ.