މާލެ އަތޮޅުގެ ދެ ފަޅެއް ހިމެނޭހެން ރިސޯޓު ހަދަން ރަށްތަކެއް އަނެއްކާ ވެސް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އަލަށް ހުޅުވާލި ތަންތަނުގެ ތެރޭގައި ހިމެނެނީ 11 އަތޮޅަކުން 14 ރަށަކަށާއި 3 ފަޅެކެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ރަށްތައް މީގެ ކުރިން ވެސް އެތައް ފަހަރަކު ބީލަމަށް ހުޅުވާލި އެވެ. ނަމަވެސް އެ ރަށްތަކަށް އިންވެސްޓަރުންގެ އެއްވެސް ޝައުގެއް ނެތެވެ.

ރިސޯޓު ހަދަން މިފަހަރު ހުޅުވާލީ

  • ހދ. ވައިކަރަމުރައިދޫ ( 15 ހެކްޓަރު)
  • ށ، ކުޑަޅައިމެންދޫ
  • ރ. ދިއްކުރެއްދޫ
  • ޅ. ދިއްފުށި
  • ޅ. ވިހަފަރުފިނޮޅު
  • ކ. ހިއްމިއްޔަ ފަޅު
  • ކ. ފަޅެއް.
  • އއ. އަލިކޮއިރަށް
  • ވ. ފަޅެއް
  • ތ. ގާލީ
  • ތ. ރުއްތިބިރަށް
  • ތ. ކަނިމީދޫ
  • ލ. ކަށިދޫ
  • ލ. ހަންހުށި
  • ގއ. ބޭރުމައުޑޫ
  • ގދ ކަޅެހުއްޓާ

އަލަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ. ހިއްމިއްޔާ ފަޅަށެވެ. އެއީ 23.5 މިލިއަން ޑޮލަރެވެ. ދެން އެންމެ ބޮޑު އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ޅ. ދިއްފުއްޓަށެވެ. އެއީ 18.5 މިލިއަން ޑޮލަރެވެ.

އަލަށް ހުޅުވާލި ރަށްރަށަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓް ލިބެން ހުންނާނެ އެވެ.

މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިދިޔަ ފަސް ވަރަަކަށް އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި ރިސޯޓް ހަދަން ކުއްޔަށް ދޫކުރަން އިއުލާންކުރި ރަށްތަކުގެ ތެރެއިން ކުއްޔަށް ނަގާފައި ވަނީ ވަރަށް މަދު ރަށެކެވެ.