ސަރުކާރު ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފަސް ދާއިރާއަކުން އެވޯޑު ދިނުމަށް ނިންމައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދޭ މި އެވޯޑަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބާރުއެޅުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ޕީސީބީން ބުނީ މިއެވޯޑު ދިނުމުގެ ބޭނުމަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކަކަށްވުމަށް ބާރުއަޅައި، ހިތްވަރު ދިނުމާއި، ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސަށް އަމަލުކުރާ ކުންފުނިތަކާއި، ކުންފުނިތަކާ ގުޅުންހުރި ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  • އެކްސެލެންސް އިން ގަވަނަންސް
  • އައުޓް ސްޓޭންޑިންގ ޕްރޮގްރެސް
  • އައުޓްސްޓޭންޑިންގ ބޯޑް ޗެއާމަން
  • އައުޓްސްޓޭންޑިން މެނޭޖިން ޑިރެކްޓަރު
  • އައުޓްސްޓޭންޑިން ކޮމްޕެނީ ސެކްރެޓަރީ

ޕީސީބީން ބުނީ މީގެ ތެރެއިން އައުޓްސްޓޭންޑިން ބޯޑު ޗެއާމަން، އައުޓްސްޓޭންޑިން މެނޭޖިން ޑިރެކްޓަރު އަދި އައުޓްސްޓޭންޑިން ކޮމްޕެނީ ސެކްރެޓަރީ އެވޯޑު ދޭން ފެށުމަށް ހަމަޖެހިފައިވަނީ އުސޫލަށް އަމަލުކުރަން ފަށާތާ 1 އަހަރު ދުވަސްފަހުން ކަމަށެވެ.

މިއެވޯޑްތަކަށް ނޮމިނޭޓްވާނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "ކޯޑް އޮފް ކޯޕަރޭޓް ގަވާނަންސް ފޯ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް" އަށް އަމަލުކުރަންޖެހޭ ސީއެމްޑީއޭގައި ލިސްޓްކޮށްފައި ނުވާ، ދައުލަތް ހިއްސާވާ ކުންފުނިތަކެވެ.

އަމީނީމަގުގައި ހުންނަ ޓްރެޝަރީ ބިލްޑިންއިން މީހަކު ނުކުންނަނީ: ފިނޭންސް މިނިސްޓްރީ އާއި މީރާގެ އޮފީސް ވެސް ހުންނަނީ މި ބިލްޑިންގްގައި. ފޮޓޯ: ޚަލަފް ހަސަން | ހުރިހާ

ޕީސީބީން ބުނީ ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށްފައިނުވާ އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާ ކުންފުނިތަކާއި ޕީސީބީން އިސްލާހީ ފިޔަވަޅެއް އަޅާފައިވާ ފަރާތްތައް މި އެވޯޑުތަކަށް ނޮމިނޭޓު ނުކުރެވޭނެ ކަމަށެވެ.

އެވޯޑުތައް ދޭނެ މިންގަނޑުވެސް އުސޫލުގައި ބަޔާންކޮށްފައިވާއިރު، އެވޯޑް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރާނީ ކޯޕަރޭޓް ގަވަރނަންސް އެވޯޑު ކޮމޓީން ކަމަށް ޕީސީބީން ބުނެ އެވެ.