އެކިއެކި މަސައްކަތް ކުރަން ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބޭ 1.7 ބިލިއަން ރުފިޔާ ދެއްކުމަށް ހޯމް މިނިސްޓްރީން މުއްދަތެއް ދީފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް 10،619 ފަރާތަކުން ނުދައްކާ އެބައޮތް ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭކަމަށް ބެލެވޭ 1.7 ބިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެހެންކަމުން މަސައްކަތްތެރިންގެ ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ފައިސާ ދައްކާ ޚަލާސްކުރުމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އެ މިނިސްޓްރީން ބުނީ އެ މުއްދަތުގެ ނިޔަލަށް ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ. މީގެ އިތުރުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ސަސްޕެންޑުކޮށް، އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމާއި ގުޅޭ އުސޫލުތައް މުރަޖައާކުރުމާއެކު މިހާރު އަމަލުކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ، ޚިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތުގެ ސަބަބުން ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރާ، ކޯޓާ އާއި ވާކް ޕާމިޓާއި ޑިޕޮޒިޓް ރީފަންޑު ފަދަ ޚިދުމަތްތައް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.