މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މެލޭޝިއާ އެއާލައިންސްއާ ގުޅިގެން ޖަޕާނުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ވާޗުއަލް ޕްރޮޑަކްޓް ވެބިނާއެއް ބާއްވައިފި އެވެ.

މި ވެބިނާ ބާއްވާފައި ވަނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. ހިލޭ ބޭއްވި މި ވެބިނާ ޖަޕާނުގެ ގާތްގަނޑަކަށް 100 ޓްރެވަލް ޕްރޮފެޝަނަލުންނަށް އަމާޒުކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އިންޑަސްޓްރީގެ ބޭފުޅުންނާއެކު ޑެސްޓިނޭޝަން އަޕްޑޭޓްތައް ހިއްސާކޮށްގެން ޕޮޒިޓިވް މީޑިއާ ކަވަރޭޖް އުފައްދައި، ޖަޕާނުގެ ފަތުރުވެރިންގެ ހިތްތަކުގައި އެންމެ ދާން ބޭނުންވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ކަށަވަރުކުރުމެވެ.

މި ވެބިނާގައި މެލޭޝިއާ އެއާލައިންސް އާއި ރާއްޖެ، މެލޭޝިއާ، އަދި ތައިލެންޑްގެ ޓޫރިޒަމް އޮތޯރިޓީތަކުން ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދިޔަ އެވެ. ޕްރެޒެންޓޭޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ މެލޭޝިއާ އެއާލައިންސްގެ ޝެޑިއުލާއި އޮފާތަކަށެވެ. މީގެ އިތުރުން، ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންތަކުގައި ވަކިން ހާއްސަކޮށް އާ ފްލައިޓްތަކަށް އަލިއަޅުވާލައި، މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން އަންގުވައިދީފައިވާ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޖަޕާނު މާކެޓަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓެކެވެ. ކޮވިޑް-19ގެ ފަހުން ޖަޕާނުން ރާއްޖެ އަންނަ މީހުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ ގިނަވަމުންނެވެ. މިދިޔަ އަހަރު ޖަޕާނުން ރާއްޖެ އައިސްފައި ވަނީ 23،041 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 9،333 ފަތުރުވެރިންނެވެ.