ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ މީހުންނަށް ފައިސާ ފޮނުވޭ ލިމިޓް އުވާލަން އެ ގައުމުން އެދިއްޖެ އެވެ.

ސްރީލަންކާގެ ނޫހެއްގައި ވަނީ ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ލިމިޓްގެ ސަބަބުން އެ ގައުމަށް ފައިސާ ފޮނުވަން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ސްރީލަންކާގެ ގިނަ އަދަދެއްގެ މީހުން ރާއްޖޭގެ ރިސޯޓުތަކުގަ އާއި މަތީ ފެންވަރުގެ ވަޒީފާތަކުގެ އިތުރުން މަސައްކަތުގެ މީހުންގެ ގޮތުގަ އާއި ހައުސްމެއިޑުންގެ މަސައްކަތްކުރެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް މަހަކު ގާތްގަނޑަކަށް 3،000 ޑޮލަރުގެ މުސާރައެއް ކަނޑައަޅާފައިވާއިރު، މުސާރަ ލިބެނީ ދިވެހި ރުފިޔާއިން ކަމަށް ބުނެފައިވެ އެވެ.

ސްރީލަންކާއިން މިކަމަށް އެދުނުއިރު، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މުއާމަލާތްކުރެވޭ ގޮތަށް ހަމަޖައްސާފައިވާ 750 ޑޮލަރު ބޮޑުކޮށްދޭން ގިނަ ބަޔަކު ދަނީ އެދެމުންނެވެ. އަދި ބީއެމްއެލް އިން ދޫކުރާ ޑެބިޓްކާޑުގެ ލިމިޓް 250 ޑޮލަރަށް ވުރެ ބޮޑުކޮށްދޭން އެތައް އެދުމުން އެކަން ހަމަޖެހެން ނެތް އެ ބޭންކުން ދާދިފަހުން ވެސް ބުނެފައިވެ އެވެ.

މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ހުންނެވީ ސްރީލަންކާގަ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ލަންކާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ.

ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ ހަވާލާދީ ލަންކާގެ ނޫސްތަކުގައި ވަނީ މިނިސްޓަރު ޒަމީރާއެކު ބޭއްވި މި މަޝްވަރާބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ކަމަށެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރުސަބްރީ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު ކޮލަމްބޯގައި ބޭއްވެވި ބައްދަލުވުމަށްފަހު ބޭއްވި ޖޮއިންޓް މީޑިއާ ބްރީފިންގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ މީހުންގެ މަންފާއަށްޓަކައި ބޭރު ފައިސާ ފޮނުވުމުގައި މިހާރު ކަނޑައަޅާފައިވާ ލިމިޓް އަލުން މުރާޖައާކުރުމަށް ވިސްނުމަށް ވެސް އެދިފައިވާނެ ކަމަށެވެ.

"ސްރީލަންކާއާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތް އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއް އެބައޮތް. ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ސްރީލަންކާގެ މަސައްކަތްތެރިން ދަނީ ރަސްމީ ބޭންކިން ނެޓްވޯކް މެދުވެރިނުކޮށް އަންޑިޔަލް މެތަޑް މެދުވެރިކޮށް ރެމިޓެންސް ފޮނުވަމުންނެވެ.

ސްރީލަންކާގެ އެންމެ ގިނަ މީހުން ރާއްޖޭގައި މަސައްކަތްކުރަނީ ޓޫރިޒަމް ދާއިރާގަ އާއި ތައުލީމީ ދާއިރާގަ އެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ ދިވެހިންނަށް އަވައްޓެރި ސްރީ ލަންކާގައި ދިރިއުޅެވޭނެ ޕާމަނަންޓް ރެސިޑެންސީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް މިނިސްޓަރު ޒަމީރު ވަނީ އެދިވަޑައިގެންފަ އެވެ.

ލަންކާގެ ސަރުކާރުގައި އެދުނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިންނެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ދިވެހިންނަށް އެ ގައުމުން ޕާމަނަންޓް ރެސިޑެންސީ ދޭން ރާއްޖެއިން އެދިފައިވަނީ އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސް އާއެކު ފޮރިން މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީއަކީ އެ ގައުމުގެ ފުލުހުންނާއި އިމިގްރޭޝަން އަދި ބޯޑަރު ބެހެލެއްޓުން ހަވާލުކޮށްފައިވާ މިނިސްޓްރީ އެވެ.

ޕާމަންޓް ރެސިޑެންސީގެ އިތުރުން ލަންކާގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ހަމަޖެއްސޭނެ ގޮތްތަކާ އިމިގްރޭޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއެކު ބޭއްވި ބައްދަލުވުމުގައި ލަންކާގައި އުޅޭ ދިވެހިންނަށް ދިވެހި ފައިސާ ބޭނުންކުރެވޭނެ ގޮތެއް ހެދުމާއި ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރިމަންޓެއްގައި ސޮއިކުރަން ވެސް ރާއްޖެއިން ހުށަހެޅި އެވެ. އަދި ލަންކާގެ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދޭން ސްރީލަންކާއިން އެދުނު ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.