އެމްޑަބްލިޔުއެސްސީން އެންސީއޭ އާއި ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ފެނުން ދިރުން" މި ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކޮށްފި އެވެ.

ރޭ ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި "ފެނުން ދިރުން" މުބާރާތް އިފްތިތާގް ކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އާއި އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު އެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ނެޝަނަލް ސެންޓާ ފޯ ދި އާޓްސްގެ އިސް ބޭފުޅުންގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ބޯޑް މޭމްބަރުންނާއި، މެނޭޖުމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވި އެވެ.

ފެނުން ދިރުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްޑަބްލިޔުއެސްސީން ބުނީ މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ. މިގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަށް 50,000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ ފަރާތަށް 35،000 ރުފިޔާ އަދި ތިން ވަނަ އަށް ހޮވޭ ފަރާތަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ. މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެކު ރުހުންތަކަށް ވެސް ފައިސާގެ އިނާމެއް ލިބިގެންދާނެ އެވެ. އަދި މި ފަސް ކުރެހުން ހޮވިގެން ދާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ފަސް ކުރެހުމަށް ބެލުފަހު ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

ފެނުން ދިރުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އެން.ސީ.އޭ އިން އެކުލަވާލައިފައިވާ ކުރެހުމުގެ ދާއިރާއިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު، 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. މިގޮތުން މިމުބާރާތުގެ ވެބްސައިޓް www.fenundhirun.mwsc.com.mv މެދުވެރިކޮށް ރަޖިސްޓާ ކޮށް އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.

މީގެ އިތުރުން މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާޓްސް ގެލަރީގައި ޚާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފެނުން ދިރުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މުބާރާތުގަައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތު ވެސް އެގްޒިބިޝަންގައި ހުޅެވިގެން ދާނެ އެވެ. މިގޮތުން، ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15% ލިބިގެންދާނެ އެވެ. އަދި ބާކީ %85 ބޭނުން ކުރެވޭނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމަޢަށް ފައިދާ ކުރުވާފަދަ ޙަރަކާތްތަކެއް ހިންގުމެވެ. އަދި، މި ފަދަ ޙަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ ފަހި މާދަމާ އަކަށް މަގުފަހިވެގެންދިއުމެވެ.