ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ޖެންޑާ މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެމްއޭސީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ލަމްއާން އެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ލަމްއާން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އިންޓާންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްތައް ކުރާނެ ކަމަށެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އާތިފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް ހުނަރުވެރި ފަރާތްތައް ކަމަށާއި އެ މީހުންވެސް މައުނަވީ ގޮތެއްގައި މުޖުތަމައުގައި ބައިވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމަށް ރައީސް މުއިއްޒު ދެއްވާ ހާއްސަ ސަމާލުކަން އޭނާ ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގްރާމް ހިންގަން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ މުޖުތަމަޢުގައި ހަމަހަމަ ކަމުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން މިފަދަ ފަސް މީހުންނަށް އެމްއޭސީއެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމައުގައި ބާރުވެރިކުރުމާއި ހުރިހާ ފަރާތްތަކެއް ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަކީ ވެސް މީގެ މަގުސަދެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލްއިން މީގެ ކުރިން ވެސް ވަނީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.