އެކިއެކި ޓެކްސްތަކުން ލިބުނު އާމްދަނީ މަދުވުމާއި ސުންގަޑިއަށް ބައެއް ފަރާތްތަކުން ޖީއެސްޓީ ނުދެއްކުމުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 4.8 ޕަސެންޓް ދަށްވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު ބުނީ މިދިޔަ މަހު 1.66 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.8 ޕަސެންޓް ދަށް އަދަދެއް ކަމަށް މީރާއިން ބުނެ އެވެ. އެކަމަކު މިއީ މިދިޔަ މޭ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ %0.8 އިތުރު އަދަދެއް ކަމަށް ޓެކްސް އިދާރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި، މޭ 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މޭ މަހު ލިބިފައިވާ އާމްދަނީ ދަށް ވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކުހާއި، ޖީޖީއެސްޓީ، އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވުމެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން މަހު އައިސްފައިވާ އާމްދަނީން ނަގާ ޓެކުހުގެ ސުންގަޑީގެ ފައިސާ، ސުންގަޑީގެ ކުރިން، އެ އަހަރުގެ މޭ މަހު ގިނަ ފަރާތްތަކުން ދައްކައިފައިވާތީ، މޭ 2023 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ ވަނީ ދަށް ވެފައިވާ ކަމަށް މީރާއިން ބުނެ އެވެ. މި ގޮތުން، މިދިޔަ މަހު ލިބިފައި ވަނީ، އާމްދަނީން ނަގާ ޓެކުހުގެ ކުރީގެ ސުންގަޑިތަކުގައި ދައްކައިފައި ނުވާ ފައިސާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މީރާއިން ބުނީ މޭ މަހުގެ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބަކީ، ޖީއެސްޓީގެ ސުންގަޑިއަށް ބައެއް ފަރާތްތަކުން ޖީއެސްޓީ ދައްކައިފައިނުވާތީ ކަމަށެވެ. އަދި މީގެ އިތުރުން އޭޕްރީލް 2023 އާއި އަޅައިބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ދަތުރުވެރިން ފުރާފައިވާ އިންސައްތަ 0.9 ޕަސެންޓް ދަށްވެފައި ވާތީ، އެއާޕޯޓް ޓެކުހާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މީރާއިން ބުނީ މިދިޔަ މޭ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ އިތުރުވެފައިވަނީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓް އިން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށެވެ. މީގެ ސަބަބަކީ، މުވާސަލާތީ ދާއިރާއިން ރިޕޯޓްކޮށް އަދި ފައިސާ ދައްކައިފައިވާ އަދަދު އިތުރުވެފައި ވާތީ، އަދި، ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑީގެ ކުރިން ބައެއް ފަރާތްތަކުން ފައިސާ ދައްކައިފައިވާތީ ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީއެވެ. އެއީ 66.19 ޕަސެންޓް ނުވަތަ 1.10 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 9.0 ޕަސެންޓް ނުވަތަ 149.35 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 96.55 މިލިއަން ރުފިޔާ (5.83 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 93.68 މިލިއަން ރުފިޔާ (5.66 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 25.85 މިލިއަން ރުފިޔާ (5.15 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.30 މިލިއަން ރުފިޔާ (8.17 ޕަަސެންޓް) ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާއިން ޑޮލަރުން އާމްދަނީގެ ގޮތުގައި ދައްކާފައި ވަނީ 66.57 މިލިއަން ޑޮލަރު އެވެ.