ދިރާގު އީދު ޝޯ އާއި އެކުންފުނީގެ "ވިން އަ ޓެސްލާ" ލަކީ ޑްރޯ މި މަހުގެ 17 ވާ ހޯމަ ދުވަހު އޮންނާނެ ކަމަށް ދިރާގުން އިއުލާންކޮށްފި އެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާ މި އީދު ޝޯގައި މަޝްހޫރު މިއުޒިޝަނުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ރެވިއޯ، ސްކައިރޮކް، އީކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، ޑީޖޭ އަލީ އަދި ސިމްބޮލިކް ރެކޯޑްސް ފަދަ ހުނަރުވެރި ދިވެހި މިއުޒިކް ކުޅުންތެރިންގެ ލައިންއަޕެއް ޝޯއިން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ޝޯގެ ތެރެއިން ގިނަ ބަޔަކު އިންތިޒާކުރަމުންދާ، ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުވަތުގެ ނަސީބުވެރިޔާވެސް އިއުލާންކުރެވިގެން ދާނެކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

"މެދުކެނޑުމަކަށް ފަހު ދިރާގު އީދު ޝޯ އަލުން އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޝޯގެ ތެރޭގައި ހުނަރުވެރި ދިވެހި ފަންނާނުންގެ ރާގުތައް އިވުމުގެ އިތުރުން އަޅުގަނޑުމެންގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ކާރުގެ ވެރިފަރާތްވެސް އިނގިގެން ދާނެ. އެހެންކަމުން އަޅުގަނޑުމެންގެ އުއްމީދަކީ މި ޝޯގެ ޒަރިއްޔާއިން އީދުގެ ރޫހު އާލާވެ، ބެލުންތެރިންގެ ހަނދާނުން ނައްތާނުލެވޭ ފަދަ ފުރިހަމަ ތަޖުރިބާއަކަށް މި އިވެންޓް ވެގެން ދިޔުން. އަދި ވީހާވެސް ގިނަ ބޭފުޅުން، ރައްޓެހިންނާއި އާއިލާއާ އެކު، ޝޯ ބަލާލުމަށް ވަޑައިގަންނާނެ ކަމަށް އުންމީދު ކުރަން،" ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި އެވެ.

ދިރާގު އީދު ޝޯ އޮންނާނީ ޖޫން 17 ވާ ހޯމަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.