މޯލްޑިވިއަންއިން ދަތުރުކުރާ ބައިނަލްއަގުވާމީ މަންޒިލްތަކާއި ރާއްޖޭގެ ޑޮމެސްޓިކް ފްލައިޓްތައް ގުޅައިދޭ "ތްރޫފެއާ" ހިދުމަތުގައި ޓްރެވިންޑްރަމް އާއި ކޮޗިން ހިމަނައިފި އެވެ.

މޯލްޑިވިއަންއިން މިދިޔަ އޭޕްރިލް މަހު ތައާރަފު ކުރި ތްރޫފެއާ ހިދުތަކީ މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާ ކަސްޓަމަރުންނަށް ޓިކެޓް ނަގާއިރު އެ ޓިކެޓުގެ އައިޓެނަރަރީގައި ދާން ބޭނުންވާ ބައިނަލަގްވާމީ މަންޒިލްގެ ބުކިން ހެއްދޭނެ ހިދުމަތެކެވެ. މި ހިދުމަތް މޯލްޑިވިއަން އިން އޭޕްރިލް މަހު ފެށީ މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓުތަކުން މޯލްޑިވިއަންއިން ދަތުރުކުރާ ޑާކާ، ބެންގަލޫރު އަދި ކޮލަމްބޯ ފްލައިޓުތަކަށެވެ.

މޯލްޑިވިއަންއިން މި ހިދުމަތުގެ ތެރެއަށް ޓްރެވިންޑްރަމްއާއި ކޮޗިން އިތުރުކުރީ މިއަދު އެވެ. މިއާއިއެކު ޓްރެވިންޑްރަމްއާއި ކޮޗިންއަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް ތްރޫފެއާގެ ހިދުމަތުގެ ތެރެއިން ޑޮމެސްޓިކް މަންޒިލުން ފެށިގެން މުޅި ދަތުރު އެއްކޮށް އެއް އައިޓެނަރަރީގައި ބުކިން ހަދާލެވޭނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

އިންޑިއާގެ ޓްރެވިންޑްރަމް އާއި ކޮޗިން އަކީ ދިވެހިން މޯލްޑިވިއަންގައި އެންމެ ގިނައިން ދަތުރުކުރާ ބައިނަލަގްވާމީ ދެ މަންޒަލެވެ.

މޯލްޑިވިއަންގެ ތްރޫ ފެއާ ހިދުމަތަކީ ވަކިވަކިން ޓިކެޓް ބުކް ކުރުމަށް ހޭދަވާ ވަގުތާއި ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ހިދުމަތެކެވެ.

މޯލްޑިވިއަންއިން ތްރޫފެއާ މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރަށް އެއް އަދަދަކަށް ބެގެޖް އެލަވަންސް ލިބޭނެ އެވެ. މިއީ ފަސިޖަރުންނަށް ތްރޫފެއާ މެދުވެރިކޮށް އިތުރަށް ލުއި ފަސޭހަ ކޮށްދިނުމަށް ހަމަޖައްސާފައިވާ އިންތިޒާމެއް ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

މި ހިދުމަތް އެ އެއާލައިންގެ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަނާއި ޓިކެޓިން އޮފީހުގެ އިތުރުން ސޭލްސް އެޖެންޓުން މެދުވެރިކޮށް ވެސް ލިބޭނެ އެވެ.